ކުޑަކުޑަ ފުރުސަތެއް އޮތީ، ވިސްނުންތެރި ކަމާއިއެކު ވޯޓުދެއްވާ: ޤާސިމް

ކުޑަކުޑަ ފުރުސަތެއް އޮތީ، ވިސްނުންތެރި ކަމާއިއެކު ވޯޓުދެއްވާ: ޤާސިމް

ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށް ދިވެހި ރައްޔިތުންނަށް އޮތީ ކުޑަކުޑަ ފުރުސަތެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ވަރަށް ވިސްނުން ތެރިކަމާއިއެކު ވޯޓު ދެއްވުމަށް ޖުމްހުރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި މިރޭ ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް 21 ދުވަސް އޮއްވާ ކެމްޕޭނަށް މަސައްކަތް ފެށުމުން ބައެއް މީހުން ސުވާލު ކުރައްވާ ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވުމަށް މާގިނަ ވަގުތު ބޭނުން ނުވާކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ހާލަތު ބަދަލުވެދާނެކަމީ ވެދާނެ ކަމެއްކަން ގަބޫލު ކުރައްވަން ޖެހޭކަމަށެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށެވެ.

އަޅުގަނޑުމެންގެ މިނިވަން ކަމާއި ސިޔާސަތު ރައްކާތެރި ކުރެވޭނީ އަޅުގަނޑުމެންނަށް. ހަމަ ހެދޭ ކުޑަކުޑަ ގޯހަކުން، ވޯޓު ދެވޭ ގޮތަކުން ފަހުން ހިތާމަ ކުރަން ޖެހިދާނެ. އަޅުގަނޑު އަހާލަން ބޭނުންވަނީ ރާއްޖޭގައި ދިވެހި ސިފައިންނަށް ނުވަދެވޭ ތަނެއް އެބަހުރިތޯ؟ އެހެން ވިއްޔާ ދެން އަޅުގަނޑު ދައްކާނެ އިތުރު ވާހަކައެއް ނެތް.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ މިޖަލްސާގައި ކުރީގެ ރައީސް ނަޝީދާއި، ރައީސް ޔާމީނާއި، އަދި މިހާރުގެ ރައީސް ޞާލިހުގެ ސަރުކާރުތަކަށް ފާޑު ވިދާޅުވެފައެވެ. އަދި އެބޭފުޅުން ގެންގުޅުއްވި ސިޔާސަތުތަކަކީ އެންމެ ރަނގަޅު ސިޔާސަތުތައް ނޫންކަމަށް ވިދާޅުވެ ޤާސިމްގެ ފާޑު ކިޔުން ވަނީ އެބޭފުޅުންނަށް އަމާޒު ވެފައެވެ.

ޤާސިމް ވަނީ ކުޅުދުއްފުއްޓަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެންމެ މުހިންމު ވައުދަކީ ކުޅުއްދުށި ހިމެނޭ ސަރަހައްދުުގައި ފަތުރުވެރިކަން ފުޅާކުރުމަށް ޤާސިމްގެ ތަސައްވަރު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެދުގެ އަދަދު 10،000 އަށް އިތުރުކޮށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ރިޔާސީ އިންތިޚާބުގައި ހުރިހާ ރައްޔިތުންވެސް ވަރަށް ވިސްނުން ތެރި ކަމާއިއެކު ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *