ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ހިންގާނަން: މުއިއްޒު

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ހިންގާނަން: މުއިއްޒު

Author
އަހުމަދު
18 އޮގަސްޓް 2023 10:28
0

ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެންފި ނަމަ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫގައި ރޭ ވިދާޅުވެއްޖެއެވެ.

މެދުރާއްޖެ ތެރޭގައި ހަތަރު އަތޮޅަކަށް މުއިއްޒު ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުގައި ނިލަންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި އޭނާ ވިދާޅުވީ މީގެކުރިން އެކިއެކި ދާއިރާތަކުގައި އުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަވެސް ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއްވެސް ސްކީމެއް ހިންގާފައި ނުވާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި ހުރި ސިނާއަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވިއްސަކަށް ހާސް މުވައްޒަފުން ތިބި އިރު، އެހެން ދާއިރާތަކުގެ މީހުންނެކޭ އެއްގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި މީގެކުރިން ވަނީ ޓީޗަރުންނަށާއި ނަރުހުންނަށާއި ޑޮކްޓަރުންނަށް ހައުސިން މަޝްރޫއުތައް ހިންގައިފައެވެ.

އަޅުގަނޑުމެން ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ހާއްސަ ކެޓަގަރީއެއް ހަދައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭ ކަމެއް ކަން އިއުލާން ކުރަން.

– މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެސް ދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީން ކަމަށާއި ރައްޔިތުންނަށް އާމްދަނީ ދެވެނީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު އިނާޔަތް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފް ކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.