މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންހިއްކަން ފަށަން ތައްުޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް ހުސްކުރަން އަންގައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހުރި އުޅަނދުތަކެއް ނަގަން އާބަންކޯ އިން އަންގާފައިވާއިރު އާބަންކޯ އިން ބުނީ އުޅަނދުތައް ނަގަނީ ޕްރޮޖެކްޓަކަށް ކަމަށެވެ. ނަމަވެސް ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ހުޅުމާލެ 1 އަދި ހުޅުމާލެ 2ގެ ފަޅުގެ ސަރަހައްދުގެ ޗާޓެއް އާންމުކޮށް އާބަންކޯ އިން ވަނީ ހުސްކުރުމަށް ބޭނުންވާ އޭރިއާ 1 ސަރަހައްދު ރަތްކުލައިން ފާހަގަކޮށްފައެވެ. އަދި އޭރިއާ 2 ބޭނުންކުރުމުގައި އޭރިއާ 1 ގެ މަސައްކަތް ކުރުމަށް އުނދަގޫނުވާނެ ގޮތައް އަމަލުކުރުމަށް އެދިފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް އާބަންކޯ އިން ވަނީ މިއަދުން ފެށިގެން 10 ދުވަސް ދީފައެވެ. އެ މުއްދަތުގައި ނުނަގާ އުޅަނދުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަމަލުކުރެވޭނެ ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ފަޅުގައި ހުރި އުޅަނދުތައް ނަގަން އާބަންކޯ އިން އަންގާފައިވާއިރު މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލެ އަނެއްކާވެސް ހިއްކުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލެ 2ވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާގުޅޭ pic.twitter.com/SG1at8L5eY
— Urbanco (@hdcmaldives) August 17, 2023
މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 6،200 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ހުޅުމާލެއިން 2،200 ގޯތި ދޫކުރާނެ އެވެ. އަދި ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
މި ސްކީމުގެ ދަށުން ބާކީ ހުރި ގޯތިތައް ދޫކުރާނީ ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ގޯތި ކެނޑުމަށް ގިރާވަރުފަޅުގެ ބޮޑުބައެއް މިހާރުވެސް ވަނީ ހިއްކާފައެވެ.