ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހއ. އުތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ތެލަސީމިއާ ކުދިން ރާއްޖޭގައި ވަރަށް ގިނައިރު އެފަދަ ކުދިންނަށް ބޯންމެރޯ ހެދޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.
ތެލެސީމިއާ ހުންނަ ކުދިންނަށް ރައީސް ޔާމީންގެ ދައުރުގައި ޒަކާތު ފަންޑުގެ ތެރެއިން ބޯން މެރޯ ހަދައިދެއްވި. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ސަރުކާރުގެ ހިލޭ އެހީގައި މިރަށުގައި ހުރި ތެލެސީމިއާ ކުއްޖާއަށް ވެސް ބޯންމެރޯ ކަންތައް ހަމަޖައްސައިދޭނަން. މުއިއްޒު ވިދާޅުވިއެވެ.
– މުއިއްޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުގެ ތެރެއިން ބައެއް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވެއެވެ. މުއިއްޒު ވިދާޅުވީ މި ހިދުމަތް ސަރުކާރުގެ ތެރެއިން އަދި ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކުރެވެންޖެހޭ ކަމަށެވެ. ތެލަސީމިއާ ކުދިން ތިބޭ އާއިލާތަކުން ބޮޑެތި ތަކްލީފްތަކެއް އުފުލަމުންދާ ކަންވެސް މުއިއްޒު ފާހަގަކޮށްފައިވެއެވެ.
ޑރ.މުއިއްޒު ވިދާޅުވީ އުތީމަކީ ރާއްޖޭގެ އިސްވެރިންނާއި ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ވާތީ އެރަށުގައި ސްޓޭޓް ހައުސްއެއް ހުންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެރަށުގެ ރައްޔިތުން އެދޭނަމަ އުތީމުގައި ސްޓޭޓް ހައުސްއެއް ޤާއިމުކޮށްދޭނެ ކަމަށެވެ.މުއިއްޒު އިތުރަށް ވިދާޅުވީ އުތީމަކީ އާސާރީ ގިނަ ބިނާތައް ހުންނަ ރަށެއް ކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެރަށް އިތުރަށް ތަރައްޤީކޮށް އާސާރީ ބިނާތައް ބަލަހައްޓަމުން ގެންދާނީ ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލުން އެދޭ ގޮތަކަށް ކަމަށެވެ. އެތަންތަން އެންމެ ރަނގަޅަށް ގެންގުޅެވޭނީ ރަށު ކައުންސިލަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި އުތީމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެފައެވެ. އެގޮތުން އެރަށު ބަންޑާރަ މިސްކިތް މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހަދައިދިނުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ވައުދުވެފައެވެ.