ރައީީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ބޭރުގެ މާލީ އިދާރާތަކުން އިތުބާރު ކުރާ ވެރިއެއް ކަމަށާއި އެއީ އެ މަނިކުފާނު ހިންގަވާ ތަރައްގީގެ މަޝްރޫތަކަަށް ކޮންމެ ބޭންކަކުން ވެސް ލޯނު ދޭ ސަބަބު ކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަނަދޫގައި ރޭ އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުުން ސިޔާމް ވިދާޅުވީ ލޯނަކީ، އަބަދު ވެސް ފައިދާއެއް ކަމަށެވެ. މީގެ ކުރިން ވެރިކަން ކުރި ވެރިން ބޭރު ގައުމުތަކަށް ދިއުމުން ބޭރުގެ ބޭންކުތަކުން ލޯނު ނުދޭ ސަބަބުތަަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން މާލީ އިދާރާތަކުން ލޯނު ދެނީ ވެރިއަކަށް ހުންނަވާ މީހާއަށް ބެލުމަށް ފަހުކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، ލޯނު ދެނީ އެ ވެރިއަކަށް އިތުބާރު ކުރުމަށް ފަހު ކަމުގައި ކަމަށެވެ.
ސިޔާމް ވިދާޅުވީ ލޯނުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ފައިސާ ހަމަޖެއްސުން ކަމަށެވެ. އަދި، އިގްތިޞާދު ދަށްވާ ހާލަތުގައި ދައުރުވާ ފައިސާ އިތުރުކުރުން ކަމަށެވެ. އިގްތިޞާދީ ހާލަތު އެންމެ ގޯސްވި ވަގުތުގައި ވެސް އެންމެ ރަނގަޅަށް އެ ހާލަތުން އަރައިގަތުމަށް ފިޔަވަޅުތައް އެޅުއްވީ، ރައީސް ކަމަށް ސިޔާމް ވިދާޅުވިއެވެ. ރާއްޖެއަކީ މަސައްކަތްތެެރި ރައްޔިތަކު ދިރިއުޅޭ ގައުމެއް ކަމަށާއި، ދިވެހިންނަކީ ވެސް ވިސްނުންތެރި ބައެއް ކަމަށް ވިދާޅުވިއެވެ.
އަދި، މިއަދު ރާއްޖެއަށް ބޭނުންވާ ތަހުޒީބާއި ތަރައްގީ ކުރިއަށް އޮތް ތަނުގައި ވެސް ގެނެސްދެވޭނީ ރައީސަށް ކަމަށް ސިޔާމް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ރައީސާއި ވާދަވެރިންގެ ކަންކަން އަޅައިކިޔާއިރު ދެއްކޭނެ އެއްވެސް ވަހަކައެއް ނޯންނާނެ ކަމަށެވެ. ސަބަބަކީ ތަޖުރިބާ ނެތުންކަމަށް ވިދާޅުވިއެވެ. އަދި، ރައީސަކީ ހުރިހާ ރައްޔިތުން ޝާމިލުކޮށްގެން ގައުމު ހިންގަވާ ވެރިއަކަށްވާތީކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމް ވިދާޅުވީ ރައީސް ޞާލިހަށް ވޯޓުލާން ޖެހެނީ އެއީ އެ މަނިކުފާނަކީ ޙިކުމަތްތެރި، ވިސްނުންތެރި ވެރިއަކަށް ވާތީކަމަށެވެ.