ގާސިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގީލީގައި ބާއްވާ ޖަލްސާގައި ރައީސް ވަހީދު ޖޭޕިއާއި ގުޅިވަޑައިގަންނަވަނީ!

ގާސިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގީލީގައި ބާއްވާ ޖަލްސާގައި ރައީސް ވަހީދު ޖޭޕިއާއި ގުޅިވަޑައިގަންނަވަނީ!

Author
ހުސެއިން
11 އޮގަސްޓް 2023 02:55
0

މިޙާރު ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވާ ކުރީގެ ރައީސް ވަހީދު ޖުމުހޫރީ ޕާޓީއަށް ސޮއި ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

"ޚަބަރު އޮންލައިން" މައުލޫމާތު ދެއްވި ޑރ. ވަހީދުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ރައީސް ވަހީދު ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އދ. މާމިގިލީގައި، ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމްގެ ކެމްޕޭން ލޯނޗު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައެވެ.

ރައީސް ވަހީދު ޖޭޕީއާއި ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ގާސިމް އިބުރާހީމްއާއި ބައްދަލު ކުރެއްވުމަށް މިއަދު ސަން އައިލެންޑަށް ރައީސް ވަހީދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަހީދު ގާސިމް އިބުރާހިމްއާއި ބައްދަލު ކުރެއްވުމަށް ހަމެޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި ރައީސް ވަހީދުގެ ދަރިކަލުން ޖެފްރީވެސް ވަހީދުއާއެކު ސަން އައިލެންޑަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ވަހީދު ގާސިމް އިބުރާހިމްއާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރޭ އެމަނިކުފާނުވަނީ އިދިކޮޅު ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައެވެ. ޕީޕީއެމްއިން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ވަހީދު ވިދާޅުވެފައިވަނީ ޕީޕީއެމްއިން އިސްތިއުފާ ދެއްވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެފައިވާތީ ކަމުގައެވެ.

ޕީޕީއެންއިން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ޑރ. ވަހީދު ވިދާޅުވެފައިވަނީ، އެމަނިކުފާނު މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކާ ކަމަށާއި، އެ ޕްލޭންތައް މިހާތަނަށްވެސް ދެމެހެއްޓި، ރާއްޖޭގެ އިގްތިސާދާއި އަދި ޑިމޮކްރަސީ ކުރިއަރަމުންދާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމުގައެވެ.

ރައީސް ވަހީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށާއި، ރަައްޔިތުންގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަން ބޭނުފުޅުވަނީ، ހަމަޖެހުމާއި، އިޚްލާސްތެރިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ކަމުގައެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެމަނިކުފާނު ހިތުގެ ލޯބި އޮންނާނެ ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމުގެ ކުރިއެރުމާއި، މިނިވިންކަން ދެމެހެއްޓުމަށާއި، އިގްތިސާދީ އިޖުތިމާއީ ކުރިއެރުމަށް ކަމުގައެވެ.

ރައީސް ވަހީދުއަކީ އިންތިޚާބީ ރައީސެއް ނޫނެވެ. އެމަނިކުފާނު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ނަޝީދުގެ ނާއިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ނަޝީދުގެ ވެރިކަން ވެއްޓިގެން ދިއުމަށްފަހުއެވެ. އެއަށްފަހު 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް، ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ އެންމެ %5 ވޯޓެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ އެބުރު ސުޕްރިމް ކޯޓުން ބާތިލް ކުރުމާއެކު ޖެހިގެން އައި ބުރުގައި ރައީސް ވަހީދު ވާދަ ކުރައްވާފައެއް ނުވެއެވެ.

އެއަށްފަހު ރައީސް ވަހީދުގެ އަމިއްލަފުޅު ފާޓީ އުވާލެއްވުމަށްފަހު ދެން ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ވަހީދަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ވަހީދުވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލިހުގައި ނެގި ވޯޓުގައި ޓިކެޓް ހޯއްދެވުމަށް ބޮޑު ޚަރަދެއް ކުރައްވާފައެވެ. އެހެންނަމަވެސް މަޝްވަރާ މަޖިލިހުގެ ވޯޓަށް ރައީސް ވަހީދުގެ ނަން ހުށަހެޅިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިފުޅު
ގައުމު ހަލާކުކުރި ހުރިހާވަގުން ޖޭޕީއަށްގޮސް ހަމަވަނީ ޑރ.ވަހީދުދިޔާަމަ ހަމަވީ ބަޤާވާތުގަ މުގުލަކީވެސް މިހުރިހާވަގުން