ޔާމިންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފި

ޔާމިންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
10 އޮގަސްޓް 2023 11:29
0

ރައީސް ޔާމިންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފިއެވެ.

ޕީޕީއެންއިން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ޑރ. ވަހީދު ވިދާޅުވެފައިވަނީ، އެމަނިކުފާނު މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކާ ކަމަށާއި، އެ ޕްލޭންތައް މިހާތަނަށްވެސް ދެމެހެއްޓި، ރާއްޖޭގެ އިގްތިސާދާއި އަދި ޑިމޮކްރަސީ ކުރިއަރަމުންދާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމުގައެވެ.

ރައީސް ވަހީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށާއި، ރަައްޔިތުންގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަން ބޭނުފުޅުވަނީ، ހަމަޖެހުމާއި، އިޚްލާސްތެރިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ކަމުގައެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެމަނިކުފާނު ހިތުގެ ލޯބި އޮންނާނެ ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމުގެ ކުރިއެރުމާއި، މިނިވިންކަން ދެމެހެއްޓުމަށާއި، އިގްތިސާދީ އިޖުތިމާއީ ކުރިއެރުމަށް ކަމުގައެވެ.

ރައީސް ވަހީދުއަކީ އިންތިޚާބީ ރައީސެއް ނޫނެވެ. އެމަނިކުފާނު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ނަޝީދުގެ ނާއިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ނަޝީދުގެ ވެރިކަން ވެއްޓިގެން ދިއުމަށްފަހުއެވެ. އެއަށްފަހު 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް، ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ އެންމެ %5 ވޯޓެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ އެބުރު ސުޕްރިމް ކޯޓުން ބާތިލް ކުރުމާއެކު ޖެހިގެން އައި ބުރުގައި ރައީސް ވަހީދު ވާދަ ކުރައްވާފައެއް ނުވެއެވެ.

އެއަށްފަހު ރައީސް ވަހީދުގެ އަމިއްލަފުޅު ފާޓީ އުވާލެއްވުމަށްފަހު ދެން ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ވަހީދަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.