ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ގުޅެން ބޭނުންނަމަ އެފުރުސަތު އޮތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ހުރިހާ ޕާޓީއާކާއި ގުޅޭ ޕާޓީއެއް ކަމަށެވެ. ޑިމޮކްރެޓްސް އާއި އެހެން ޕާޓީތަކަށް ވެސް އެމްޑީޕީއާއި ގުޅުމުގެ ފުރުސަތު އޮންނާނެކަމަށް މާރީޔާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އެންމެންނާއި ގުޅިގެން ކުރިއަށް ދާން ބޭނުންވާ ޕާޓީ އެއްކަމަށް ވީދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެއްވެސް ޕާޓީއެއް ދުރުނުކުރައްވާނެކަމާއި އަދި އެއްވެސް ޕާޓީއަކާ ދެމެދު ނުރުހުންފާޅު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، އެކަމަަށް ތައްޔާރުވެގެން ތިބީ އެމްޑީޕީއިން އެކަނި ކަމަށް މާރިޔާ ވިދާޅުވިއެވެ. އިންތިޚާބަށް ކެމްޕޭނުކުރައްވަން ނިކުމެވަޑައިގަތީ މެނިފެސްޓޯ އަކާއިއެކު ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީއިން ފަސް ވައުދެއް ހާމަކޮށްފަ ވާނެ ކަމަށާއި އެއީ އުފާވެރި ދިރިއުޅުމެއް، އާ ޒުވާނުނަގެ ޖީލެއް، އާމާން މުޖުތަމައުއެއް، އިޤްތިޞާދީ ބޮޑު ބަދަލާއި އަދި ހެޔޮ ވެރިކަމެއް ކަން ވިދާޅުވިއެވެ.
މިހާތަނަށް އެމްޑީޕިއިން 18 އަތޮޅެއްގެ 108 ރަށައް އެ ޕާޓީގެ އެކި ޓީމު ތަކުން ދަތުރު ކޮށްފައިވާއިރު ރައީސް ޞާލިހް 64 ރަށަކަށް ވަޑައިގަނެފައިވާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.