އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އަލަތު ކައިވެންޏަކަށް ފަހު ދިރިއުޅެން ފަށާ ޒުވާނުންނަށް ފްލެޓު ދިނުމަށް ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ޖުމްހޫރީ ޕާޓީން މ. ކުނޫޒުގައި ރޭ އޮތް ބައްދަލުވުމުގައި ވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" މެނިފެސްޓޯ ހާމަކޮށްފައެވެ. އެ ޖަލްސާގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ގާސިމްގެ "ކަށަވަރު ބޯހިޔާވަހިކަން" މި ބައިގައި ހިމެނޭ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ރިޔާސީ ދައުރުގައި 30،000 ހައުސިން ޔުނިޓް އަޅައި ބޯހިޔާވަހިކަން ބޭނުންވެ، ނުލިބި ތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި އެކަނި 15،000 ހައުސިން ޔުނިޓް އަޅަން ވައުދުވެފައިވެއެވެ.
މީގެއިތުރުން ސޯޝަލް ހައުސިން ހައްގުވާ ފަރާތްތަކަށް (ހިޔާ ފްލެޓާއި ފުލުހުންނާއި ސިފައިންގެ ފްލެޓު ފަދަ) ލިބިފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި މާފްކޮށް ދިނުމަކީ ގާސިމްގެ ވައުދެކެވެ. އަދި ސިފައިންނާއި ފުލުހުންނަށް އާ 1،000 ހައުސިން ޕްރޮޖެކްޓް ތައާރަފްކޮށް ތިން އަހަރުގެ ތެރޭގައި ނިންމައި ހަވާލު ކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރާ ސިފައިންނާއި ފުލުހުންގެ ފްލެޓުތައް ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިންމާލާނެ ކަމަށް މެނިފެސްޓޯގައިވެއެވެ.
ގެދޮރު ޔަގީން ޕޯޓަލް މެދުވެރިކޮށް ގެދޮރު ހައްގުވާ މިންވަރަށް ޕޮއިންޓް ލިބުމުން ގެދޮރު ލިބޭ ތަނާއި ތާރީހު އެ ފަރާތްތަކަށް އަންގާނެ ކަމަށް މެނިފެސްޓޯގައިވެއެވެ. އަދި ފުރަތަމަ ގެދޮރު ފައިނޭންސިން އަށާއި އަމިއްލަ ނުވަތަ ބަންޑާރަ ގޯތީގައި އާއިލީ ގެދޮރު އެޅުމަށް ހަމައެކަނި %10 އިކުއިޓީ އާއި %5 އިންޓަރެސްޓްގައި ލޯން ދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން އަގު ކޮންޓްރޯލް ކުރެވިފައިވާ 6،000 ހައުސިން ޔުނިޓު "އުޖާލާ ގެދޮރު" ގޮތުގައި ވިއްކުމާއި ވިޔަފާރި އުސޫލުން 6،000 ހައުސިން ޔުނިޓް "ނަލަ ގެދޮރު" ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވެއެވެ.
އަމިއްލަ ގޯތީގައި އަމިއްލަ އަށް ގެދޮރު ބިނާ ކުރާ ފަރާތްތަކަށް ގެދޮރު ޑިޒައިން ކުރުމުގައި އެހީތެރިވެދީ، ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ވެސް ގާސިމްގެ މެނިފެސްޓޯގައިވެއެވެ.
އަދި އަދުލު އިންސާފުގެ ދާއިރާގައި ހިދުމަތް ކުރާ ފަނޑިޔާރުންނާއި އެހެނިހެން ފަރާތްތަކަށް ހާއްސަ ހައުސިން ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް މެނިފެސްޓޯގައިވެއެވެ. ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކޮށް ބެކަޕް ޖަނަރޭޓަރު ބެހެއްޓުމަކީ ވެސް ގާސިމްގެ ވައުދެކެވެ.