އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އެ ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އެ ކޯޓުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުން ތިއްބަވައިގެންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމާއި އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ.
ޔާމީންގެ ސާބިތު ދަރަންޏެއް އޮތް ކަން އެނގޭ!
މި މައްސަލައިގައި ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔު އިއްވަމުން ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ މީހަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަރަނި ހަލާސް ނުކޮށް ހުރި މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބުނެފައިވާ އިރު، ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން އެންގި ނަމަވެސް އެ ހަމަސް ދުވަސް ފާއިތުވެގެން ދިޔައިރު، އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާފައި ނެތް ކަން އެނގެން އޮންނަ ކަމަށެވެ.
ފައިސާ ދައްކާފައި ނެތުމުން މީރާ އިން ލިޔުމުން ޔާމީނަށް އެންގެވި ކަމަށާއި ޔާމީން ބަންދު ކުރެވިފައިވާ ޖަލަށް ފޮނުވުމުން އޭގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާއާ މެދުގައި މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައި ނުވާ ހާލަތުގައި ކޯޓުން ކަނޑައާޅާފައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމުގައި ބަދަލުވެގެން ދިއުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 180 ވަނަ މާއްދާގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެމީހާގެ މައްޗަށް ލާޒިމްކޮށްފައިވާ އިރު، ޖޫރިމަނާ ފައިސާ ދައްކަން އަންގަނީ ކޯޓުގެ ނިންމުމަކުން ކަމަށްވާ އިރު، ކޯޓުތަކުގެ ނިންމުންތަކަކަށް ތަބާވުމަކީ ލާޒިމް ކަމެއް ކަމަށެވެ.
ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމަށް ހައި ކޯޓުން އަމުރުކޮށްފައި ނެތުމުން ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވި އިރު، ދައުލަތަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަން ސާފުކޮށް އެނގޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އެ ސަބަބަށްޓަކައި އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުށަހެޅި ހުށަހެޅުން ގަބޫލު ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނާ އެއްގޮތަ ކަމަށް ދެކެން." ސުއޫދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މެންބަރުކަމުގައި ހުންނަވަނިކޮށް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވުމުން ސުއޫދު ވިދާޅުވީ ޖަލު ބަންދުގައި ހުރެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ނުކުންނާނެ ގާނޫނީ އައިބުތަކުގެ ވާހަކަ އެ ގަޒިއްޔާގައި ނުދައްކާ ކަމަށާއި އެ ގަޒިއްޔާ ދައުރުވީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުށް ސާބިތުވުމުން އޭނާ މެންބަރުކަމުގައި ދެމިހުންނާނެ ކަމާ މެދު އޮތް ސުވާލުގެ ވާހަކަ ކަމަށެވެ.
އެއް ކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް އަމަލު ކުރުމުގެ މާނައަކީ މައްސަލައެއްގެ އެންމެ އަސާސީ ވާގިއާ ނުވަތަ މެޓީރިއަލް ފެކްޓްސް އަށް ބެލުމެއް ނެތި ގަޟިއްޔާއަކުން ފެންނަ ޖުމްލަ އެއް ނުވަތަ ލަފްޒެއް އޭގެ ފަހަތުން އަންނަ އެންމެހާ މައްސަލަތަކުގައި ތަފާތުތަކަށް ނުބަލައި ހުރެ ތަތުބީގް ކުރުމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އިސްމާއިލް ހަމީދުގެ މައްސަލައަކީ މަގާމުގައި ހުންނެވި ބޭފުޅަކާ ގުޅޭ މައްސަލައެއް ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިސްމާއިލް ހަމީދު އިންތިހާބުވެވަޑައިގެންނެވި އިރު، އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާކަން ސުއޫދު ފާހަގަ ކުރެއްވިއެވެ.
މި ހުރިހާ ކަމެއް ހުރުމުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުއޫދު ވިދާޅުވިއެވެ. ސުއޫދުގެ ރައުޔު އިއްވަވައި ނިމުމުން ބެންޗުގައި ހިމެނިވަޑައިގަންނަވާ އެހެން ފަނޑިޔާރުން ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފައެވެ.