ޕީޕީއެމުން ކެންޑިޑޭޓަކު ނެރޭނެ، މުއިއްޒަކީ ވޯސްޓް ކޭސް ސިނާރިއޯ!

ޕީޕީއެމުން ކެންޑިޑޭޓަކު ނެރޭނެ، މުއިއްޒަކީ ވޯސްޓް ކޭސް ސިނާރިއޯ!

Author
އަހުމަދު
05 އޮގަސްޓް 2023 09:48
0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ބަދަލުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނުކުންނާނެ ކަމަށާއި ޕީއެންސީއަކީ "ވޯސްޓް ކޭސް ސިނާރިއޯ" ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމްއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕީއެންސީން ވަނީ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައެވެ. މިއީ ޔާމީންގެ އެންގެވުމަކަށް ޕީއެންސީގެ ސެނެޓްގައި ބޭއްވި އިންތިހާބެކެވެ. އެ އިންތިހާބުގައި މުއިއްޒު 25 މެމްބަރުންގެ ވޯޓު ހޯއްދެވި އިރު، ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ 23 ވޯޓު ހޯއްދަވައިފައެވެ.

ޕީއެންސީގެ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި މެމްބަރު ކަމުން އިސްތިއުފާ ދެއްވައި ޕީއެންސީ އާ ގުޅިވަޑައިގަތުމަށް ފަހުގައެވެ. މިއާއެކު، ޕީޕީއެމްގެ ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގަތުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތަށް ވަނީ އެދިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ހަވީރު ފަށައިގެން ރޭގެ ވަގުތެއްގައި ވަނީ ނިންމާލައިފައެވެ.

ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ހުންނެވި ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓަކު ނުކުންނާނެ ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓް ނެރުމަކީ "ވޯސްޓް ކޭސް ސިނާރިއޯ" ކަމަށެވެ.

"އޮލްޓަނޭޓިވް ޕްލޭނެއް އަތުވެއްޖެއްޔާ ވެސް އަންނާނީ ޕީޕީއެމް އޮލްޓަނޭޓިވް ޕްލޭނަށް. ޕީއެންސީ އަންނާނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވޯސްޓް ކޭސް ސިނާރިއޯ އަށް،" ޖަމީލު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ފުރަތަމަ ވެސް އަމާޒަކީ ޔާމީން މިނިވަންވެވަޑައިގެން، ޕީޕީއެމްގެ ޓިކެޓުގައި އެމަނިކުފާނު ވާދަ ކުރެއްވުމެވެ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަޑުއެހުން ދިޔަ ގޮތުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.