2020 ވަނަ އަަހަރު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޮޅުވާލަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ޖަވާބުދާރީ ވުމަށް، ޓްރަމްޕް ހައްޔަރުވެ އަދި ކޯޓަށް ހާޒިރު ވުމަށްޓަކާ އެމެރިކާގެ ވޮޝިންޓަން ޑީސީއަށް ވަޑައިގެންފިއެވެ.
ހައްޔަރުގައި ބަހައްޓައިގެން ޓްރަމްޕް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ވޮޝިންޓަން ޑީސީގައި ހުންނަ ކޯޓަކަށެވެ.
އެމެރިކާގެ ޕްރޮސެކިއުޓަރުންވަނީ ޓްރަމްޕްގެ މައްޗަށް 4 ދައުވާއެއް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ވޯޓު ގުނުމަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުތަކާއި އަދި އޭގެ އިތުރުން އެމެރިކާގެ ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްއިން އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ޓްރަމްޕް ހުރަސްއެޅިކަމުގެ ތުހުމަތުތަކެވެ.
ޓްރަމްޕް ކޯޓަށް ހާޒިރުވުމާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. އަދި އެއަށްފަހު އޭނާގެ އިނގިލީގެ ނިޝާން ނެގުމަށްފަހު، ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވޭނެއެވެ. އަދި އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާތަށް ފަނިުޔާރު އިއްވާނެއެވެ.
ޓްރަމްޕްވަނީ މި ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ. އަދި ބެލެވޭ ގޮތުގައި ކޯޓުގައި ޓްރަމްޕް މި ދައުވާތަކަށް އިންކާރު ކުރައްވާނެއެވެ.
މިއީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް، އެމެރިކާގެ ރިޕަބްލިކަން އިންތިޚާބުގެ ޕްރައިމަރީގައި މިހާރުވެސް ވާދަ ކުރައްވަމުންގެންދަވާ، ކުރީ ރައީސާއި ދެކޮޅަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ދައުވާކުރި 3 ވަނަ ފަހަރެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޕްރައިމަރީގައި ވާދަކުރަމުންދާ އެހެން ހުރިހާ ކެނޑިޑޭޓުންނަށްވުރެ ޓްރަމްޕް އުޅުއްވަނީ ބޮޑުތަނުން ކުރީގައެވެ.
މިއީ އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް މިފަދަ ތުހުމަތެއްގައި ދައުވާކުރި ފުރަތަމަ ދުވަހެވެ.
ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް، ތާއީދު ނުކުރާ ފަރާތްތަކުން ގެންދަނީ ދައުވާތަކާއި ދެކޮޅު އަޑު އުފުލަމުންނެވެ. ޓްރަމްޕްގެ ސަޕޯޓަރުން ބުނަމުންދަނީ މިއީ ސިޔާސީ ދައުވަތަކެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ