ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރަނީ ޑރ. މުއިއްޒާއި އާދަމް ޝަރީފް

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރަނީ ޑރ. މުއިއްޒާއި އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2023 02:07
0

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރިމަތި ލައްވައިފިއެވެ.

ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު މިހާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިނުގަނެފައެވެ. އެހެންވެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ.

ޓިކެޓަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ވާދަކުރެއްވީ ޑރ.މުއިއްޒު އާއި އާދަމް ޝަރީފެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ކުރިން ޝައުގުވެރިވި ކަމަށް ވެއެވެ. އެކަމަކު، އޭނާ ވަނީ އެ ވިސްނުން މިހާރު ދޫކޮށްލައްވައިފައެވެ.

ޕީއެންސީން މިއަދު ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓަކު ނެރުމަށެވެ. ސެނެޓުގެ މިބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކުރެއްވީ 44 މެމްބަރުންނެވެ. ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު މިއަދު ހަވީރު 4 ޖަހާއިރު ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި ލާނީ ސިއްރު ވޯޓެކެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.