އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކު ކަނޑައެޅުމުގެ ބާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް އައިއިރު ރަނިންމޭޓަކު ކަނޑައަޅައި އިއުލާންކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ރަނިންމޭޓަކަށް ކަނޑައަޅާފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
އެކަމަކު، ޔާމީންގެ ކެންޑިޑެސީއާ މެދުގައި ސުވާލު އުފެދިފައިވާތީ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މިހާރު ވަނީ ހުށަހަޅައިފައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޔާމީނާއި ގާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވައެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 1500 މީހުންގެ ސޮއި ހޯއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.
މި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ރަނިންމޭޓު މިރޭ ނޫނީ މާދަމާ ކަނޑައަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި މާދަމާ ނޫނީ ހުކުރު ދުވަހު، ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބާކީ ތިއްބެވި ބޭފުޅުންގެ ރަނިންމޭޓު އަދި އިއުލާނެއް ނުކުރެއެވެ.
އެކަމަކު، ޖުމްހޫރީ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެ ޕާޓީ ނުވަތަ ގާސިމްގެ ރަނިންމޭޓު ކަނޑައެޅުމުގެ ހުރިހާ ބާރެއް ގާސިމަށް ދޭން ނިންމައިފައެވެ. އެގޮތަށް ނިންމާފައި ވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ގާސިމަށް ރިޔާސީ ޓިކެޓު އަރުވާފައި ވަނީ މިދިޔަ ޖޫން 9 ގައެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވި މިއީ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ރިޔާސީ ޓިކެޓު ދިނީ ގާސިމަށެވެ. އެ ދެ އިންތިހާބުގައި ވެސް ގާސިމަށް ދެވަނަ ބުރަށް ދެވޭ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.