ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް ސްޕޮންސަރ ލެޓަރ ދޫކުރަން ފަށައިފިކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިބްރާހިމް ޙަސަން މިއަދު ވިދާޅުވީ ސްޓޫޑެންޓް ލޯނުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން މިނިސްޓްރީން ދޫކުރާ "ސްޕޮންސަރ ލެޓަރ" ލިބޭ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަޖެހިގެންދާނެކަން އެނގިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ލޯނު ލިބުނު ކޮންމެ ދަރިވަރަކަށްވެސް މިނިސްޓްރީން ލޯނު ލިބުނުކަމުގެ ލިޔުމާއެކު ލޯނުގެ ފައިސާ ހޯދުމަށް އެ ދަރިވަރަކު އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު މެއިލް ކޮށްފައިވާނެކަމަށެވެ. އެހެންކަމުން ކޮންމެ ދަރިވަރަކު ވެސް އެ ލިޔުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
"މިސާލަކަށް އަލަށް ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް ފައިސާ ހަމަޖެހުމުގެ ކުރިން އެ ދަރިވަރަކު އަމިއްލައަށް ވިސާ ފީ ދެއްކިކަމުގައި ވިޔަސް ވިސާއަށް ދެއްކި ފައިސާ ސްޓޫޑެންޓް ލޯނުން ކަވަރ ކުރާނެ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު ލޯނު ލިބުނު ފަރާތްތަކަށް އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ފައިސާވެސް ސްޓޫޑެންޓް ލޯނުގެ ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.
ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށްޓަކައި ކޮންމެ ދަރިވަރަކު ވެސް ލޯނު ލިބުނުކަމުގެ ލިޔުމާއިއެކު ފޮނުވާފައިވާ މެއިލުގައިވާ ގޮތަށް ޑޮކިއުމެންޓްތައް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަށް ފަންޑް މެއިލަށް ފޮނުވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ އެދިފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިއަހަރު 720 ފުރުސަތަށް އެދި 1،507 ފަރާތަކުން ކުރިމަތި ލިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިންމެވުމުގެ މަތިން ޝަރުތު ފުރިހަމަވި ހުރިހާ ފަރާތްތަކަށް މިއަހަރު ސްޓޫޑެންޓް ލޯނު ދޫކުރެވުނެވެ. އެއީ 1،275 ފަރާތެކެވެ.
މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ޚާއްސަ އޮންލައިން ސެޝަނެއް މާދަމާ ހެނދުނު މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.