މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިނީ އެ ޕާޓީގެ ލީޑަޝިޕް ބައިބައިކުރަން ކަމަށް ޕީޕީއެމުން މިއަދު ބުނެފިއެވެ.
މުއިއްޒަށް މަރުގެ އިންޒާރުދިންކަން ހާމަކޮށް ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ ރާއްޖެއިން ބޭރުގެ ނަންބަރަކުން މެސެޖުކޮށް މުއިއްޒަށް ހަމަލާދޭނެ ކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.
އެ މެސެޖުކުރި މީހަކު ހޯދާ ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ފުލުހުންނަށް ގޮވާލާފައެވެ. މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޕީއެމުން ބުނީ މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި އަމަލުތަކުން އެ ކޯލިޝަންގެ ލީޑަޝިޕް ބައިބައި ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.
ކޯލިޝަންގެ ލީޑަޝިޕް އާއި ސެނެޓްވެސް މަސައްކަތްކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.