ހެދޭ ގޯހުން އިބުރަތް ލިބިގަނެ ޕްރޮފެޝަނަލް ފުލުހުނަށް ވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ ކިބައިން އެދިލައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން އެދިލެއްވީ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 35 ވަނަ ބުރުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ތަމްރީނު ފުރިހަމަކުރުމަށްފަހު ޚިދުމަތަށް ނުކުންނަ ފުލުހުން އިސްކަންދޭންވާނީ ތަމްރީނުން ދަސްވި ކަންކަން ދަސްވިގޮތަށް ޚިދުމަތްކުރުމުގެ އަޒުމުގައި މަސައްކަތްކުރާ އަދި އެ އަޒުމުގައި ދެމިތިބޭނެ ބަޔަކަށް ވުމަށާއި އެ މަސައްކަތް އިތުރަށް ރަނގަޅުކޮށް މަސައްކަތް ކުރުމުގައި ހުރެދާނެ ނުރަނގަޅު ސަގާފަތެއްވާނަމަ އެ ސަގަފާތެއް ބަދަލުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށްކަމަށެވެ.
ރައްޔިތުންގެ ޚިދުމަތްދާރުންގެ ގޮތުގައި ދެމިތިބުމަށް ޕްރޮފެޝަނަލް ގާބިލިއްޔަތު މަތިކުރުމަށް އަބަދުވެސް އުނގެނުމަށް އިސްކަންދިނުމަށާއި މުޖުތަމައާއި ޕަބްލިކް އަދި ޕްރައިވެޓް މުއައްސަސާތަކާއެކު، މައްސަލަތަކަށް ދުރާލާ ހައްލުހޯދުމަށް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކުރިއަށް ނެރުމުގެ އިތުރުން ދެފުށް ފެންނަ އަދި ޖަވާބުދާރީވާ ނިޒާމެއްގެ ތެރޭގައި އެންމެ މަތީ މިންގަނޑުތަކުގެ މަތީ ދެމިތިބުމާއި ހެދޭ ގޯހުން އިބުރަތް ލިބިގަނެ ޕްރޮފެޝަނަލް ފުލުހުނަށް ވުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
އަދި ގޮންޖެހުންތަކާ ކުރިމަތިލެވޭ އަދި ބަދަލުވާ ހާލަތަކަށް ތައްޔާރަށްތިބެ ރައްޔިތުން ރައްކާތެރިކޮށް ޚިދުމަތްތެރިވުމަށް އިސްކަންދިނުމަށް އަބަދުވެސް މަސައްކަތް ކުރުމަށާއި ޖިސްމާނީ އަދި ނަފުސާނީ ސިއްހަތު ރަނގަޅުވުން އެއީ ފުލުހެއްގެ ގާބިލުކަމާ އަދި އެހެން މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމަށް ވަރަށް މުހިންމު ކަމެއްކަން ދަނެ އަމިއްލަ ނަފްސާމެދު އަޅާލާ ބަޔަކަށް ވުމަށްވެސް ކޯހުގެ ދަސްވެނިންނަށް އިރުޝާދު ދެއްވިއެވެ.
ހަމައެއާއެކު އަލަށް ތަމްރީނުވެގެން ޚިދުމަތާގުޅޭ ވަގުތަކީ މިފަދަ މުއައްސަސާއެއްގައި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން ފުލުހުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރު އަދި ކެރުން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ތެރެއިން ކުށެއް ކުރާތަން ފެނިއްޖެނަމަ އެކަމަކަށް ފުރިހަމައަށް އެޓެންޑުވުމުގެ ގާބިލުކަމާއި ފެންވަރު ހުންނަންވާނެކަމަށާއި ފުލުހުން މަސައްކަތްކުރަމުން މިދަނީ ތަފާތު ހާލަތްތަކާ ބައްދަލުވުމަށް ފުލުހުންނަށް ބޭނުންވާނެ ފުރިހަމަ ތަމްރީނު ހުރިހާ ފުލުހުންނަށްވެސް ފޯރުކޮށްދިނުމަށްކަމަށް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް ގެނެވެމުންދާ އެންމެ ބޮޑެތި ބަދަލުތައް ގުޅިފައިވަނީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމާއި، އަވަސް އަދި ފަސޭހަ ޚިދުމަތެއް ދިނުމަށްކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތް ދިނުން ފުރިހަމަކުރުމާއި ޓެކްނޮލޮޖީގެ ފަސޭހަ ހުރިހާ ފުލުހުންނަށް މަސައްކަތުގައި ބޭނުން ހިފޭނެ ގޮތަށް ބައްޓަންކުރުމާއި ފުރިހަމަ ވަސީލަތްތައް ހޯދައިދިނުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތް މިއަދާ ހަމައަށް ގެނެވިފައި މިވަނީ ގިނަ ބައެއްގެ ބައިވެރިވުމާއި، ވިސްނުމާއި، މިންނެތް މަސައްކަތުގެ ތެރެއިންކަމަށާއި މިއަދުގެ ދިވެހި ފުލުހުންގެ ޚިދުމަތަކީ ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ ވަގުތެއްގައިވެސް ރައްޔިތުންގެ ބޭނުންތައް އިސްކުރާނެ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ.