ރައްޔިތުން މަޖިލީހުގެ ނާއިބް ރައީސް އިވާ އަށް ބިރު ދައްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަޖިލީހުގެ ނާއިބް ރައީސް އިވާ ބިރު ދައްކާކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރީ މިރޭ 22:34ގައި ކަމަށެވެ. އަދި މި މީހާ މަޖިލީހުގެ ނާއިބް ރައީސަށް ބިރު ދައްކަމުން ގެންދިޔައީ އެކަމަނާގެ ދަރިފުޅުގެ ފޮޓޯއެއް ޓްވިޓަރގައި ބޭނުންކޮށްގެންކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއެވެ.
އިވާއަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރުކުރި ނަމަވެސް އެމީހާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެނގިފައިވާގޮތުން އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓްވީޓް ކޮށްފައި ވަނީ ފޭކް އެކައުންޓަކުންނެވެ.
"އެހެން ނަމަވެސް މި މީހާ އެ ދަނީ އަޅުގަނޑުގެ 18 އަހަރު ނުވާ ދަރިފުޅަށް ފުރައްސާރަ ކުރަމުން. ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދެން." ކޮމިޝަނަރ އޮޕް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގްކޮށް އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އީވާ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތައް ދުވަހަކުވެސް ރައްދު ދީފައި ނުވާނެ ކަމަށާއި، އަދި އެކަން ރިޕޯޓްވެސް ކޮށްފައި ނުވާނެ ކަމަށެވެ.