ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހަޅައިފި

ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހަޅައިފި

Author
ހުސެއިން
02 އޮގަސްޓް 2023 06:46
0

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ، ކުރީގެ ރައީސް ޔާމިންގެ ކެނޑިޑަސީގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމިންގެ އިސް ވަކީލު އަދި ރަނިންމޭޓު ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފި ކަމުގައެވެ.

މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. IA ޙައްގަތް ނަޞްރު ލިބިގެންދާނެ.

ޖަމީލުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ވ. އާރަށް މައްސަލައިގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ވެއްދީ އިއްޔެއެވެ.

އެހެންނަމަވެސް، އިލެކްޝަނުން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި އިރު، އެމަނިކުފާނު ހިންގަވާ ދެވަނަ ޕާޓީ، ޕީއެންސީ އިން އަންނަނީ އެހެން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ ކުރަމުންނެވެ. އެކަމަކު ނެރޭނެ ކެންޑިޑޭޓަކާ މެދުގައި ގޮތް ނިންމާނީ ޔާމީން ކަމަށް ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާން
ރައީސްޔާމީނަކީީ ވިސްނުންތެރިި ގައްލޯބިި އޮތްް ވެރިއެއްް ކަންް ދައްކައިފިި ގައުމުންއަކަައިންޗިއެއްވެސްް ބޭރުގެެ ފަރަންޖީންނައްް ދޫކުރަންް ބޭނުންނުވާކަންް ހާމަކޮއްދީފިި ރައްޔިތުންގެެ ފުދުންތެރިކަންް އިތުރުކުރުމައްް ގިނަމަސައްކަތްް ތަކެއްކޮއްދިންް ބޭސްފަރުވާއައްް ހޭދަކުރާފައިސާާ ރާއްޖޭގަބެހެއްޓުމައްޓަކައިި ހޮސްޕިޓަލްތަކުގެެ ހިދުމަތްް ރަގަޅުކުރިި