ރައީސް ޔާމިންގެ ކެނޑިޑަސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ބުނެފައިވަނީ ރައީސް ޔާމިންގެ ކެނޑިޑަސީ ފޯމު މާދަމާ އިލެކްޝަންސްއަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައި ކަމުގައެވެ.
މާދަމާ ރައީސް ޔާމިންގެ ކެނޑިޑަސީ ފޯމު އިލެކްޝަންސްއަށް ހުށަހެޅުމަށް ނިންމާފައިވާއިރު، ރައީސް ޔާމިންވަނީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ހަމަޖައްސަވާފައެވެ. ރައީސް ޔާމިންގެ ރަނިން މޭޑަޓަކަށް ޑރ. ޖަމީލު ހަމަޖެއްސުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ލީޑަރޝިޕްގެ ބޭފުޅުން ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުންނެވެ.
އެހެންނަމަވެސް ރައީސް ޔާމިން މިއަދުވަނީ، އެމަނިކުފާނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެނަމަ، އިދިކޮޅު ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށްވެސް ނިންމާފައެވެ. މިގޮތުން، އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓުގެ ގޮތުގައި ޑރ. މުއިޒުއަށް އެޕާޓީގެ ޓިކެޓް ދިނުމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ތާއީދު ކުރާއިރު، އިދިކޮޅުގެ އިސް ބައެއް ބޭފުޅުން މައުލޫމާތު ދީފައިވާ ގޮތުގައި ރަނިންމޭޓަކާއި ގުޅޭގޮތުން ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އެބަހުއްޓެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ އޮގަސްޓުމަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް، ގާނޫނު ބުނާގޮތުން، ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމިންގެ އިންތިޚާބީ ޝަރުތުރު ފުރިހަމައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއިން އެކަން ގަބޫލެއް ނުކުރެއެވެ.
އިންތިޚާބާބެހޭ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ އިންތިޚާބީ ޝަރުތުތަކާއި ގުޅޭގޮތުން ޚިލާފް އުފެދިއްޖެނަމަ އެ މައްސަލައާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ސުޕްރިމް ކޯޓުންނެވެ. ނަމަވެސް، ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް މިހާތަނަށް ހުށަހެޅި ދެ މައްސަލަވެސް އެކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމިންގެ ފޯމު އިލެކްޝަންސްއިން ބަލައި ނުގެންފި ދެން އެމައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ސުޕްރިމް ކޯޓުންނެވެ.
ކޮމެންޓު ފޮނުވާ