ކުރިަޔށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި، ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ފުވައްމުލަކުގައި 50 އެނދުގެ ބޮޑު ހޮސްޕިޓަލެއް އަޅުއްވާ، އަދި އެ ސިޓީގެ އެއަރޕޯޓު ބޮޑުކޮށް ދެއްވާނެކަމުގައި ރައީސް ސާލިހު ވައުދު ވެއްޖެއެވެ.
މިއަދު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، 2018ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރުމުން، އެރަށް ބޭނުންވާ އެންމެ މުހިންމު ދެ ކަމުގެ ގޮތުގައި ރަށުގެ ކައުންސިލުން ފާހަގަކުރި ދެ ކަމަކީ އެރަށުގެ މަގުތައް ހެދުމާއި އަދި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން ކަމުގައެވެ. އަދި ރައީސް ސާލިހު ވިދާޅުވީ، އޭރު އެރަށުގެ ނަރުދަމާ އަޅާފައި އޮތް ގޮތުން އެޚިދުމަތުގައި މައްސަލަ ހުރިކަމަށް ރަށުގެ ރައްޔިތުން ފާހަގަ ކޮށްފައިވާކަމަށެވެ. އެގޮތުން އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފެއްޓެވިކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، އެ ރަށަށް ފުއްދިފައިވާ ވައުދުތަކަށް ބައްލަވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ މިހާތަނަށް އައިއިރު ފުވައްމުލަކުގެ 19.7 ކިލޯމީޓަރުގެ މަގު ހަދައި ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެރަށުގައި ހަދަންޖެހިފައިވާ ހުރިހާ މަގެއް ހަދާ ނިންމާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
އޭގެ އިތުރުން ފުވައްމުލަކުގެ ރަށްގިރުމާއި ނަރުދަމާގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު މަސައްކަތް ކުރެވެމުން ދާއިރު، އެރަށުގެ ފެނުގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ އެރަށުގައި ބަނދަރެއް ހެދިފައިވި ނަމަވެސް އެ ބަދަރަކީ މިހާރު ކުޑަ ބަނދަރެއް ކަމުގައެވެ. ހަމައެއާއެކު އެރަށުގެ އެއަރޕޯޓަކީވެސް މިހާރަށް ބަލާއިރު ކުޑަ އެއަރޕޯޓެއްކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ ފުވައްމުލަކުގެ އެއަރޕޯޓުން ބޮޑު ކުރެވެން އޮތް ވަރެއް ބައްލަވާ، އޭޓީއާރު ޖެއްސޭ ވަރަށް އެއާޕޯޓު ބޮޑުކޮށް ދެއްވާނެ ކަމުގައެވެ. އަދި އެރަށުގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރު ބޮޑުކުރެވެން އޮތް ގޮތެއް ބައްލަވާ ބަނދަރު ބޮޑުކުރުން ކަމުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ފުވައްމުލަކުގެ އެއަރޕޯޓާއި ބަނދަރު ބޮޑުވެގެންދާތަން ފެނިގެންދާނެ ކަމުގައެވެ.
މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ދެ ވަނަ ދައުރެއްގައި ފުވައްމުލަކުގައި ކުޑަކުދިންނަށް ޚާއްސަ 50 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކޮށްދެއްވާނެ ކަމުގައެވެ.