ކުރިޔަށް އޮތް ރިޔާސީ އިންތޚާބުގައި ވާއްދަ ކުރައްވާ އިނދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޔާމިންގެ ރަނިން މޭޓަކަށް ޑރ. ޖަމީލް ހަމަޖައްސަވައިފިއެވެ.
އިދިކޮޅު ޕީޕީއެމްއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި" ކަމުގައެވެ.
އަދި ޕީޕީއެމްއިން ވަނީ ޑރ. ޖަމީލަށް މަރުޙަބާ ވިދާޅުވެފައެވެ.
ޑރ. ޖަމީލްއަކީ ރައީސް ޔާމިންގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސްއެވެ. އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން ޑރ. ޖަމީލް ނާއިބު ރައީސްކަމުން ދުރުކުރީ ރައީސް ޔާމިނަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ވޯޓަކުންނެވެ.
އެއަށްފަހު ޖަމީލް ވެވަޑައިގަތީ ޔާމިނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާ ކަމުގައެވެ. އެހެންނަަމަވެސް، ރައީސް ޔާމިންގެ ވެރިކަން ބަދަލުވެ، އަނެއްކާވެސް ޖަމީލް ޔާމިނަށް ތާއީދުކުރައްވަން ފެއްޓެވުމާއެކު، ދެން ވެވަޑައިގަތީ ޔާމިންގެ ގާނޫނީ ވަކީލަށެވެ.
އެއަށްފަހު ޖަމީލް ވަނީ ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހު ރައީސް ޔާމިންގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ އޮގަސްޓުމަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް، ގާނޫނު ބުނާގޮތުން، ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމިންގެ އިންތިޚާބީ ޝަރުތުރު ފުރިހަމައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއިން އެކަން ގަބޫލެއް ނުކުރެއެވެ.
އިންތިޚާބާބެހޭ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ އިންތިޚާބީ ޝަރުތުތަކާއި ގުޅޭގޮތުން ޚިލާފް އުފެދިއްޖެނަމަ އެ މައްސަލައާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ސުޕްރިމް ކޯޓުންނެވެ. ނަމަވެސް، ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް މިހާތަނަށް ހުށަހެޅި ދެ މައްސަލަވެސް އެކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމިންގެ ފޯމު އިލެކްޝަންސްއިން ބަލައި ނުގެންފި ދެން އެމައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ސުޕްރިމް ކޯޓުންނެވެ.
ފޯމު ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރިތާ ހަފްތާއެއް ފާއިތިވެގެން ދިޔައިރުވެސް، ޕީޕީއެމްއިން އިލެކްޝަންސްއަށް ފޯމު ހުށަހަޅާފައެއް ނުވެއެވެ. އަދި ސުޕްރިމް ކޯޓުން ގޮތް ނިންމަންޖެހޭ މައްސަލައެއްގައި، އިލެކްޝަންސްއަށް ފޯމުލުން އިދިކޮޅު ޕީޕީއެމްއިން ލަސްކުރަމުންދަނީ ކޮން ސަބަބަކާ ހެދިކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ