ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅިތާ މިއަދަށް ހަފްތާއެއް ފާއިތުވެދިޔައިރުވެސް ރައީސް ޔާމިންގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 23 ވަނަ ދުވަހު، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު ވަކީލުންވަނީ ޔާމިންގެ ސޮއި ހޯއްދަވާފައެވެ. ޔާމިން ސޮއި ކޮށްފައިވާ ކެނޑިޑަސީ ފޯމު ގާނޫނީ ވަކީލުންނާ ހަވާލު ކޮށްފައިވަނީ ކަރެކްޝަންސް މެދުވެރި ކޮށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ އޮގަސްޓުމަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް، ގާނޫނު ބުނާގޮތުން، ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމިންގެ އިންތިޚާބީ ޝަރުތުރު ފުރިހަމައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއިން އެކަން ގަބޫލެއް ނުކުރެއެވެ.
އިންތިޚާބާބެހޭ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ އިންތިޚާބީ ޝަރުތުތަކާއި ގުޅޭގޮތުން ޚިލާފް އުފެދިއްޖެނަމަ އެ މައްސަލައާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ސުޕްރިމް ކޯޓުންނެވެ. ނަމަވެސް، ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް މިހާތަނަށް ހުށަހެޅި ދެ މައްސަލަވެސް އެކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމިންގެ ފޯމު އިލެކްޝަންސްއިން ބަލައި ނުގެންފި ދެން އެމައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ސުޕްރިމް ކޯޓުންނެވެ.
އެހެންނަަމަވެސް ސުޕްރިމް ކޯޓުން ގޮތް ނިންމަންޖެހޭ މައްސަލައެއްގައި، އިލެކްޝަންސްއަށް ފޯމުލުން އިދިކޮޅު ޕީޕީއެމްއިން ލަސްކުރަމުންދަނީ ކޮން ސަބަބަކާ ހެދިކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް ޔާމިންގެ ރަނިން މޭޓަކާއި ގުޅޭގޮތުން ޕާޓީގެ ލީޑަރޝިޕުން ވަނީ މަޝްވަރާ ކޮށްފައެވެ. މަޝްވަރާތަކަށްފަހު ލީޑަރޝިޕުން ބުނެފައިވަނީ ރަނިން މޭޓަކު ކަނޑައެޅުމުގެ ހުރިހާ ބާރެއް ދޭން ބޭނުންވަނީ ޔާމިނަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ