ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިނގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފި

ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިނގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފި

ނިޝާން ދިޔަމިނގިލީގެ ޝަރަފުގެ އިއްޒަތް (ނ.ދ.ޝ.އ) ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްޠަފާ ލުތުފީއަށް ސަރުކާރުން މިއަދު އަރުވައިފިއެވެ.

ޑރ. މުސްޠަފާއަށް މި ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

ނިޝާން ދިޔަމިނގިލީގެ ޝަރަފުގެ އިއްޒަތަކީ ދައުލަތުން ދޭ ދެވަނައަށް އެންމެ މަތީ އިއްޒަތެވެ. މި އިއްޒަތަކީ އައް ސުލްތާން މުޙައްމަދު ޤިޔާސުއްދީން (ދިޔަމިނގިލި ބަންޑާރައިން) ގެ ޝަރަފުގައި އަރުވާ އިއްޒަތެކެވެ.

ނިޝާން ދިޔަމިނގިލީގެ ޝަރަފުގެ އިއްޒަތް ޑރ. މުސްޠަފާއަށް އެރުވުމުގެ ކުރިން ދެއްކި ވީޑިއޯ ރިޕޯޓުގައިވާ ގޮތުން ޑރ. މުސްތަފާ ލުތުފީއަށް އެ އިއްޒަތް އަރުވަން ރައީސް ޞާލިޙް ނިންމެވީ ޑރ. މުސްޠަފާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ޑރ. މުސްޠަފާ ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 31 ޖެނުއަރީ 1977 ގައި އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗާ އެޑިއުކޭޓަރެއްގެ ގޮތުގައެވެ. އެއަށްފަހު މިހާތަނަށް 46 ޑރ. މުސްތަފާ ލުތުފީ ދައުލަތަށް ޚިދުމަތް ކުރައްވާފައިވާއިރު، އޭގެ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ތާނަ ޓައިޕް ރައިޓަރު އުފެއްދުމަށްޓަކައި ރާއްޖޭގައި އެންމެ ފުރަތަމަ ކުރި ދިރާސާގެ މަސައްކަތާއި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރަށްވެސް ދިވެހި ބަސް ކިޔަވައިދޭނެ ވަކި މާއްދާއެއްގެ ގޮތުގައި ފޮތްތައް ލިއުއްވުމާއި، އަތޮޅުތަކުގައި ފުރަތަމަ ޤާއިމު ކުރި ކޮމިއުނިޓީ ސްކޫލްތަކުގެ ފެންވަރު މަތިކޮށް، އަތޮޅު ތައުލީމީ މަރުކަޒުތަކަށް ބަދަލުކުރެއްވުމުގައި ވެސް ޑރ. މުސްތަފާގެ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ޑރ. މުސްތަފާއަކީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ވެސް ކިޔަވައިދެއްވާފައިވާ ބޭފުޅެކެވެ.

2008 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރުކަން ޑރ. މުސްޠަފާއަށް ދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެއަށްފަހު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލާކަން ވެސް ޑރ. މުސްތަފާ ކުރަްވާފައި ވެއެވެ. އޭނާ މިހާރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *