ސެންޓަރ އޮފް އެކްސެލެންސް ފޯ ޕަބްލިކް ސޭފްޓީ ޔުނިޓް ހުޅުވައިފިއެވެ.
މުޖުތަމައުގެ އަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒުކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ "ސެންޓަރ އޮފް އެކްސެލެންސް ފޯ ޕަބްލިކް ސޭފްޓީ ޔުނިޓް ހުޅުވާފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި، މި ސެންޓަރ ހުޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކައިގައި، ވިދާޅުވީ މިފަދަ މަސައްކަތް ތަކުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަމާން، ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށް ވެގެން ދިޔުންކަމަށެވެ. އަދި މި އަމާޒު ހާސިލުކުރެވޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވިގެންކަމަށާއި ބަވަނަ ވެފައިވާ މުޖުތަމައެއްގައި ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކުރުމަކީ ހަމައެކަނި އިސްތިރާޖީ އުކުޅެއް ނޫންކަމާއި އެއީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާގެ ތެރެއިން ހިމެނިގެންދާކަމެއްކަމުގައި ދެކިލައްވާކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް، ޑރ. މުޙައްމަދު އަލް ކުވައިތީ ދެއްކެވި ވާހަކައިގައި، ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީއަކީ ދެ ގައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ ތަނެއްކަމަށާއި، މި ސެންޓަރުގެ ސަބަބުން މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެން ދިއުމުގެ އިތުރުން، އިޖުތިމާއީ އަދި އިގްތިޞާދީ ރޮނގުންވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި އިނޮވޭޓިވް ޓެކްނޮލޮޖީގެ ސަބަބުން ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ހަރުދަނާކުރެވިގެން ދާނެކަމަށް މުހައްމަދު އަލް ކުއައިތީ ވިދާޅުވިއެވެ.
މި ސެންޓަރުގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ދައްކުވައިދޭނެ ޕްލެޓްފޯމްތަކެކެވެ. އެގޮތުން، ކުށުގެ މާހައުލު ދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ އިތުރުން ސައިބަރ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް މިސެންޓަރުން ފެނިގެންދާނެއެވެ.
ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ ވުޖޫދުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުންޏެއްކަމަށްވާ "ޕްރީސައިޓް" އެވެ. މިކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.
ކޮމެންޓު ފޮނުވާ