މިސަރުކާރުގެ ތެރޭގައި ހިންގަމުންދާ ވައްކަމާއި، ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި އާދޭސް ދެންނެވިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް ހައުސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހިންގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ސީދާ ރައީސް ޞާލިހުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތަކާއި، އެކުލަވާލި މެނިފެސްޓޯއާއި، އަދި ކޯލިޝަނުން ވީ ވައުދުތައް ދޫކޮށް މިސަރުކާރުން އަމާޒު ހިފީ ވައްކަމާއި ކޮރަޕްޝަން ޢާންމު ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިހު އަމާޒު ހިފީ ޢާއިލީ ބޭފުޅުންނަށް މުއްސަދިކަމާއި ތަނަވަސްކަން ހޯއްދެވުމަށް ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވުނު ކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވެރިކަމަށް އިންތިޚާބު ވުމަށްފަހު ކުރެއްވި ހުވަޔާއި ސީދާ ކަނޑައެޅިގެން ޚިލާފަށް އެތައް ކަމެއް ކުރައްވާފައިވާއިރު ފެނިގެންދަނީ މުޅި ދައުލަތް މުޅިން އެހެން މިސްރާބަކަށް އަމާޒު ހިފާފައިވާތަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ސީދާ ރައީސްގެ އަރިހުގައި އާދޭސްކުރިން ކަންކަން މިގޮތަށް ނުކުރެއްވުމަށް. ސީދާ ރައީސަށް ދެންނެވިން. ނަމަވެސް ފެނިގެން ދިޔައީ ކޮއްކޯފުޅަށާއި މުޅި ޢާއިލާއަށް މަންފާ ލިބޭ ގޮތަށް ކަންކަން ކުރަން އުޅުނު ތަންކަމަށެވެ. މުޅި ދައުލަތުގައި ވައްކަމުގެ ހާލިތަކެއް ހަދައި ދައުލަތް ޚަރާބު ކޮށްލެއްވީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
Why Ilyas Labeeb?
– @MohamedNasheed pic.twitter.com/4DeJVcsbA8
— Luke (@lucasjalyl) July 23, 2023
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ވެރިކަމުގެ ލައްޒަތަށްޓަކައި ކަންކަން ކުރުމުގެ ޝައުގު އޮތްމީހެއް ނޫންކަމަށެވެ. މަސައްކަތް ކކުރެއްވީ ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދެވުމަށްކަމަށާއި، މިއަދުވެސް ދެމި ހުންނެވީ އެމަސައްކަތުގައި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހަށް އިތުރު ދައުރެއް ލިބޭނެ ތަނެއް ނުފެންނަ ކަމަށެވެ.
ޚާއްސަކޮށް ވެރިކަމަށް އެކަނި މަސައްކަތް ކުރާ މީހަކަށް ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރެވޭނެ އިތުރު މަސައްކަތެއް ނޯންނާނެކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ފާޑުކިޔުން ރައީސް ޞާލިހަށް ވަރަށް ބޮޑަށް މިރޭ ވަނީ އަމާޒު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ