ވެރިކަން ކުރާ ކޯލިޝަނުގައި އިސްކޮށް އޮތް އެމްޑީޕީގެ ދާއިމީ ސިޔާސަތަކީ ވެރިކަންތައް ބަދަލުކުރުން ނޫން ކަމަށާއި, ވެރިކަން ދަމަހައްޓަން ވެސް އެ ޕާޓީން ދަސްކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ހއ. މާރަންދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުތީ ވެރިކަންތައް ބަދަލުކުރަން ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެފައި ވާކަމަށާއި މިހާރު ނުކުންނަނީ ވެރިކަން ދިފާއުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ޕާޓީގެ ތެރެއިންވެސް ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ވެރިކަމުގައި ތިބެންވެސް އެމްޑީޕީން ދަސްކުރަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަބަދު ސަރުކާރު ބަދަލުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭން ފެށި ކަންކަން ނިންމުމަށް އެކުގައި ތިއްބެވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
އެ ވިސްނުން ވެރިކަން ބަދަލުކުރުމުގެ ވިސްނުން، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޭބޭފުޅުންގެ އެބަހުރި. ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އެބަހުރި. އެއީ ހަރުލާފައި ނުނެއްޓި ހުރި ކަންތައް. އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން އެއީ ވެރިކަންތައް ބަދަލު ކުރުމަކީ. ވެރިކަމުގައި ތިބެންވެސް ދަސްކުރަންޖެހޭނެ. ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަންކޮށްގެން.
– ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ނުކުމެވަޑައިގެން ހުންނެވީ 2018 ވަނަ އަހަރު ރައްޔިތުން ހޮވި ސަރުކާރު ދަމަހައްޓަވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށް ވާތީ މި ދައުރު ނިމެންދެން އެ ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2008 ވަނަ އަހަރު މާރަންދޫއިން އެމްޑީޕީއަށް ލިބުނީ 17 ވޯޓު ކަމަށާއި، 2018 ވަނަ އަހަރު އެ ރަށުން %58 ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށް ދަނީ ބަދަލުވަމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަން އެހެންވީ ސަރުކާރުން ވެފައިވާ ފުއްދަމުންދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމާއި، ސިއްހީ މަރުކަޒުގައި ލެބެއް ގާއިމްކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.