ފާއިތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުށްމަދު ފަސް އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނުގައި ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހއ.ތުރާކުނު ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ފަސް އަހަރުގައި ޤައުމަށް ހޯދައި ދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަމުގައެވެ. މިއަދު ރާއްޖެ މިދެކޭ ހަމަޖެހުމާއި ސުލްހަވެރިކަމަކީ ރައްޔިތުން ސަރުކާރަށް ދިން އެއްބާރުލުމާއިއެކު ހޯދިފައިވާ ކުރިއެރުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖެއަށް ގެނެސްދޭ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއަކީވެސް ޤައުމުގައިި އޮތް ހަމަޖެހުންކަމަށެވެ. މީގެކުރިން ރާއްޖޭގައި އޮތް ސިޔާސީ އަދި އިޖުތިމާއީ ހަމަނުޖެހުންތަކުން އަރައިގަނެވި ރައްޔިތުން އެދޭފަދަ ހަމަޖެހޭ ރާއްޖެއެއް ހޯދައި ދެވިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުރާކުނު ރައްޔިތުން އެދޭފަދަ ތަރައްޤީ އެރަށަށް ގެނެސް ދެއްވާނެކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދުނު ގޮތަށް އެރަށް ކައިރީގައި ރިސޯޓެއް ހަދަން ނިންމާފައިވާ ފަޅުރަށް އެރަށުގެ ރައްޔިތުން އެދޭގޮތަށް ރިސޯޓް ހަދާ ލިސްޓުން އުނިކޮށް ތުރާކުނުގެ ރައްޔިތުންނާއި ހަވާލު ކުރައްވާނެކަމަށެވެ.
މީގެ އިތުރުން ތުރާކުނުގެ ބިން ހިއްކުން ކުރިއަށް ދުވަސްތަކުގައި ކުރެވި ހިއްކިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ ތުރާކުނު ރައްޔިތުން އެދޭފަދަ ތަރައްޤީ ހޯދައި ދެއްވާނެކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތުރާކުނުން ބޮޑު ޢައުލަބިއްޔަތެއް އެމަނިކުފާނަށް ދެއްވުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.