އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ އިންޓަރ މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ދައްކާލައިފިއެވެ.
އިންޓަރ މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލިއިރު، އޭނާ އެ ކުލަބަށް ސޮއިކުރީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މެސީ އެ ކުލަބަށް ބަދަލުވިކަން ރަސްމީކޮށް ހާމަކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ކުލަބުގެ ރަސްމީ ދަނޑުގައި ޚާއްސަ ހަފުލާއެއް ވަނީ ބާއްވާފައެވެ. މި ހަފުލާގައި މެސީގެ އިތުރުން ބާސެލޯނާގައި އޭނާއާއެކު ކުޅުނު ސާޖިއޯ ބުސްކެޓްސްވެސް ވަނީ އިންޓަރ މައޭމީގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައެވެ.
މެސީ އެ ކުލަބަށް ގެނައުމާއި ގުޅޭގޮތުން ވާހަކަދައްކަމުން އިންޓަރ މައޭމީގެ ކޯ އޯނަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ބުނީ މެސީ އެ ޓީމަށް ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި، ކޮންމެވެސް ދުވަހަކުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅުންތެރިން ގެނެވޭނެ ކަމަށް އުއްމީދުކުރި ކަމަށެވެ.
އެމެރިކާ ފުޓްބޯޅައިގައި އިންޓަރ މައޭމީ ވާދަކުރަން ފެށީ 2018 ވަނަ އަހަރެވެ. ނަމަވެސް ލީގުގައި މިހާތަނަށް އެ ކުލަބަށް ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އިންޓަރ މިއާމީއަށް ބަދަލުވުމަށް ފަހު އެ ކުލަބުގެ ސަޕޯޓަރުންގެ ކުރިމަތީގައި ވާހަކަދައްކަމުން މެސީ ބުނީ މިއާމީއަށް ބަދަލުވުމަކީ ނިންމި ރަނގަޅު ނިންމުމެއް ކަމަށާއި, ކުލަބަށް ފައިދާވާ ގޮތަށް މަސައްކަތްތަކެއްކޮށް، އައު ޖީލެއް ބިނާކުރަން މަސައްކަތްކޮށްދޭނެ ކަމަށެވެ.
The best player in the world! pic.twitter.com/6JcvlGaHq2
— Leo Messi 🔟 Fan Club (@WeAreMessi) July 17, 2023
މިއީ ޔޫރަޕުން ބޭރު ލީގެއްގައި މެސީ ކުޅޭނެ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް ހަތް ފަހަރު ހޯދާފައިވާ މެސީ ވަނީ ބާސެލޯނާގައި 21 އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވިއިރު، އިންޓަރ މައޭމީއަށް ބަދަލުވީ ދެ އަހަރު ދުވަސް ހޭދަކުރުމަށްފަހުއެވެ.
އިންޓަރ މިއާމީގެ ޖާޒީގައި މެސީ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާނީ ލީގާ އެމްއެކްސްއާއެވެ.