ޑިމޮކްރެޓްސްގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓާއި ގުޅޭ މަޝްވަރާ!

ޑިމޮކްރެޓްސްގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓާއި ގުޅޭ މަޝްވަރާ!

Author
މުޙައްމަދު ޝަޒައިމް
15 ޖުލައި 2023 01:43
0

އެމްޑީޕީގެ ކުރީގެ އިސްވެރިން އިސްކޮށް ތިއްބަވައިގެން އުފައްދަވާފައިވާ "ދަ ޑިމޮކްރެޓްސް" ގެ ފުރަމަ ކައުންސިލް ބައްދަލުވުން މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޑިމޮކްރެޓްސް ރަސްމީކޮށް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރި މިދިޔަ ބުދަ ދުވަހުއެވެ. އެޕާޓީގެ ފުރަތަމަ ޢާންމު ޖަލްސާ ބްރާސްފަތި ދުވަހުގެރޭ ބާއްވާފައިވާއިރު، އެޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީ އުފެއްދުމުގެ ބައެއް އިސްބޭފުޅުން ވަނީ ޑިމޮކްރަޓިކާއި ގުޅިވަޑައިިގެންފައެވެ.

އެޕާޓީން މިހާރު ތައްޔާރުވަމުންދަނީ ޕާޓީގެ ފުރަތަމަ ވަގުތީ ކައުންސިލުގެ ބައްދަލުވުން މާދަމާ ބޭއްވުމަށެވެ. މާދަމާގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއިއެކު އިންތިޚާބުގައި ބޭނުންކުރާނެ މެނިފެސްޓޯގެ މަސައްކަތާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ ރޭހަށް ޑިމޮކްރެޓްސް އިން ނިކުންނައިރު، އެޕާޓީން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ސިޔާސީ މަޝަވްރާތައް ބާއްވަމުންނެވެ. އެޕާޓީން ބުނެފައިވަނީ މިފަހަރުގެ އިންތިޚާބުގައި ރައީސް ޞާލިހު ބަލިކުރުމަށް އަރަންޖެހޭ ކޮންމެ ކެނޑިޑޭޓެއްގެ ފަހަތަށްވެސް އަރަން ތައްޔާރަށް ތިބިކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހު ހުޅުއްވައިލައްވާނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް 7 ދުވަހަށް ވެފައިވާއިރު، މިހާތަނަށް 4 ސިޔާސީ ޕާޓީއަކުން ވަނީ މި އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިޢުލާންކުރައްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރ 30 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.