ޑައިރެކްޓަރު އަދިތުޔަ ޗޯޕްރާގެ ޕްރޮޑަކްޝަން ހައުސް، (ވައިއާރްއެފް) އިން މިހާރު "ސްޕައި ޔުނިވާސް" ގެ ގޮތުގައި ހަދާ ފިލްމެއްގެ ލީޑު ރޯލަށް އާލިއާ ބަޓް ނަގައިފި އެވެ.
"ސްޕައި ޔުނިވާސް" ގެ ގޮތުގައި ސިލްސިލާ ފިލްމުތަކެއް ހަދަން ފަށާފައި އޮތް މަސައްކަތުގެ ތެރެއިން އާލިއާ ބަޓާ އެކީ އަންހެން ޖާސޫސަކަށް ބިނާކޮށް އުފައްދާ އެ ފިލްމް ގެ މަސައްކަތް އަންނަ އަހަރު ފަށާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެ ފިލްމުގެ ނަން އަދި ހާމައެއް ނުކުރެ އެވެ. އަދި އެ ޑައިރެކްޓްކުރަނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.
އާލިއާ މިހާރު ރެޑީވަމުން އަންނަނީ މި މަހު 27 ގައި ރިލީޒްކުރާ އޭނާގެ ބޮލީވުޑް ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަންނަ މަހު 11 ގައި ރިލީޒްކުރާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިއީ ވައިއާރްއެފްގެ "ސްޕައި ޔުނިވާސް" ގެ 8 ވަނަ ފިލްމެވެ. މީގައި ހިމެނޭ ފިލްމުތަކަކީ މި އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އާއި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ޓައިގާ 3″ އާއި ރިތިކާ އެކީ ގެނެސްދިން 2019 ގެ "ވޯ" އާއި ސަލްމާންގެ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި ސަލްމާންގެ 2012 ގެ "އޭކް ތަ ޓައިގާ" އެވެ.
ކޮމެންޓު ފޮނުވާ