ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް "ޗަންދޫ ޗެމްޕިއަން" ގެ ޝޫޓިން ލަންޑަންގައި ފަށައިފިއެވެ.
ފިލްމްގެ ޝޫޓިން ފެށިކަން އިއުލާން ކޮށް އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމީ ކެރިއަރުގައި އެންމެ ޗެލެންޖިން ރޯލު ކުޅުމަށް ތައްޔާރު ކަމަށެވެ. "ޗަންދޫ ޗެމްޕިއަން" އަކީ ކާތިކް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ އެއްޗެކެވެ.
މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގައި އެވެ. މި ފިލްމަކީ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ. "ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ އެވެ.
"ޗަންދޫ ޗެމްޕިއަން" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުން ކާތިކް ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމާ ގުޅޭ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.
"އޭކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ޑާއިރެކްޓް ކޮށްދިން ކަބީރް ޚާންގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގާއެކު 2021 ގައި ގެނެސްދިން ކްރިކެޓް ފިލްމު "83″ އެވެ.
ކޮމެންޓު ފޮނުވާ