300 ރުފިޔާގެ ފީ ނުދައްކައިގެން އެމްޑީޕީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

300 ރުފިޔާގެ ފީ ނުދައްކައިގެން އެމްޑީޕީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2023 10:34
0

އެމްޑީޕީގެ ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި އަމުރު އިސްތިއުނާފްކޮށް ކޯޓަށް ދައްކަންޖެހޭ ފީ ނުދައްކައިގެން މައްސަލަ ބޭރުކޮށްލައިފިއެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ބިމަކީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ޝަފީއާ ޒުބައިރުގެ ބިމެކެވެ. އެ ބިމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ފެށިގެން އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ތަނެކެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން އެމްޑީޕީ ދެފަޅިވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަން ފެށި ފަހުން، ޝަފީއާ ވެސް ވަނީ އެ ހަރަކާތާ ގުޅިފައެވެ. އަދި އޭގެ ފަހުން، އެ ތަން ހުސް ކުރަން އެމްޑީޕީ އަށް ވަނީ އަންގައިފައެވެ. އެ ތަން ހުސް ކުރަން ޝަފީއާ އެންގީ އެމްޑީޕީ އަށް އެ ތަން ކުއްޔަށް ދީފައި އޮތުމުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭ ކަމަށް ބުނެއެވެ.

އެތަން ހުސް ނުކުރުމުން ގޭގެ ވެރިފަރާތުގެ ހުއްދަ އާއިއެކު ޑިމޮކްރެޓުން އެތަނަށް ވަތް މައްސަލާގައި އެމްޑީޕީން މިދިޔަ މަހު ވަނީ ސިވިލްކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ދަ ޑިމޮކަރެޓްސް އިން ގަދަކަމުން ކަމަށް ބުނެ އެކަން ހުއްޓުވާ ދިނުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެމްޑީޕީން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

މައްސަލަ ރަޖިސްޓްރީ ކުރުމަށް 300 ރުފިޔާގެ ފީއެއް ދެއްކުމަށް ހައިކޯޓުން އެމްޑީޕީއަށް އެންގީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ހައިކޯޓުން އެންގި މުއްދަތުގެ ތެރޭގައި ކޯޓަށް ރަޖިސްޓްރޭޝަން ފީގެ 300 ރުފިޔާ ނުދައްކައިގެން ކޯޓުން މައްސަލަ ބޭރުކޮށްލީ އިއްޔެގައެވެ.

ދަ ޑިމޮކްރެޓްސް އިން ހަރުގެ ހުޅުވާ ރަސްމިއްޔާތަށް ނޫސްވެރިން ދިއުމުން، ނޫސްވެރިންނާ ވާހަކަ ދައްކަމުން ގޭގެ ވެރިފަރާތް ކަމުގައި ޝަފިއްޔާ ބުނީ އެ ބިން މިހާރު އަމިއްލަ ވިޔަފާރިވެރިއަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. އެނގިފައިވާ ގޮތުގައި އެ ވިޔަފާރިވެރިޔާ މިހާރު ވަނީ އެ ތަން ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ކުއްޔަށް ދީފައެވެ.

އެއީ ކޮން ވިޔަފާރިވެރިއެއް ކަން ޝަފިއްޔާ ހާމަ ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ދަ ޑިމޮކްރެޓްސްގެ އިސް މީހެކެވެ. ޝަފިއްޔާ ބުނާ ގޮތުގައި އޭނާ އާއި ވިޔަފާރިވެރިޔާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ މެއި 15 އިން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.