ޤުރުއާނުގެ ނޫރު މިބިންމަތިން ފޮހެނުލެވޭނެ: ޑރ.ޝަހީމް

ޤުރުއާނުގެ ނޫރު މިބިންމަތިން ފޮހެނުލެވޭނެ: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 10:55
0

މާތް ރަސްކަލާންގެ މަތިވެރި ކަލާންފުޅު، ކީރިތި ޤުރުއާނުގެ ނޫރު ބިންމަތިން ފޮހެ ނުލެވޭނެކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުގައި ޤުރުއާން އެންދުމާއި ގުޅިގެން ނެގި ވޯޓުގައި އެކަމަށް ތާއީދުކޮށް ނުވަ ގައުމަކުން ވޯޓު ދިނުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ސްވިޑެން ގައި ގުރުއާން އެންދި މައްސަލަ އާއި ދެކޮޅަށް ނެގި މި ވޯޓުގައި، ސްވިޑެން ގެ އަމަލަށް ތާއީދުކޮށް، ވޯޓް ދިނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރިމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދި ރޯމޭނިއާއެވެ.

ޑރ.ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނުގެ ޤަދަރާއި، އިޙުތިރާމު ގެއްލޭގޮތަށް ކުރެވޭ ކަންކަމަކީ ކާމިޔާބުވާނެ ކަމެއް ނޫންކަމަށެވެ. އެއީ މާތް ރަސްކަލާންގެ ރިސާލަތު ކަމަށާއި، އެކަލާންގެ ޤުރުއާން ރައްކާތެރި ކުރައްވާނެކަމަށެވެ. އަދި މިބިންމަތިން ޤުރުއާނުގެ ނޫރު ފޮހެލުމަށް މަސައްކަތް ކުރި ނަމަވެސް އެއީ ކާމިޔާބު ވާނެ މަސައްކަތެއް ނޫންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނަކީ މާތް ރަސްކަލާންގެ މަތިވެރި ކަލާމްފުޅު، އަދި ހިޔާތުގެ މަގު. އެންމެ ފަހުގެ ރިސާލަތު. އެ މަތިވެރި ކަލާމްފުޅު ޤިޔާމަތާ ހަމައަށް ޤަދަރާއި އިޙުތިރާމާއި ރައްކާތެރިކަމާއެކު ދެމިގެންދާނެ. ޤުރުއާނުގެ ނޫރު ބިންމަތިން ފޮހެނުލެވޭނެ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގެ މިސްކިތެއްގެ ކައިރީގައި، ފުލުހުންގެ ހިމާޔަތާއި، ސްވިޑެންގެ ކޯޓުގެ ހުއްދައާއިވެސް އެކުގައި މުޞްޙަފް އެންދުމާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ނުރުހުން އެ ގައުމަށް ވަނީ އަމާޒުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުގައި ހިޔާލު ފާޅުކުރުމުގެ ނަމުގައި ހިންގާ މުސްހަފު އެންދުމުގެ ހަރަކާތްތަކާ ގުޅޭގޮތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ބައިވެރިވެ، އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެ ބަހުސްގައި ބައިވެރިވެލައްވައި ޑރ. އާސިމް ދެއްވި ހިތާބުގައި ވިދާޅުވީ އެފަދަ އަމަލުތަކަކީ ހިޔާލުފާޅު ކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަމަށެވެ. އަދި, މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމު ކުރުމަށް އެފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ވެސް ގޮވާލެއްވިއެވެ.

އިސްލާމް ދީނާ މެދު ނަފުރަތު އުފެދޭ އަދި ތަފާތު ކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި އޯއައިސީން ވަނީ އެ ބަހުސްގެ ތެރެއިން ގަރާރެއް ވެސް ހުށަހަޅައިފައެވެ. ދިވެހިރާއްޖެ ހިމެނޭހެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެންބަރު ގައުމެއްގެ ތާއީދާ އެކު ބޮޑު އަގުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.