ފުރަތަމަފަހަރަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ތައްޔާރުވާއިރު ބޭނުންވާ ޓާގެޓަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.
ލީގު ފެށުމުގެ ކުރިން އެފްއޭއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްްކަމުން ނާދު ބުނީ ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެކު ސީޒަނުގައި ސަސްގެ ޓާގެޓަށް ވާސިލްވުމުގެ އުއްމީދު ބޮޑު ކަމަށެވެ. ފުރަތަމަ ސީޒަންކަމަށްވުމާ އެކު ސަސް އިން ނާދު އަށް ކަނޑައަޅާފައިވާ ޓާގެޓަކީ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނުމެވެ.

ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ސަސް އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި ދިވެހި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނިކޮށް ޓީމު އެލުލަވާލެވިފައި އޮތީ ވަރަށް ހިތްހަމަ ޖެހޭ ގޮތަށް ކަމަށް ނާދު ވަނީ ބުނެފައެވެ.
ޔަންގް ޕްލެޔަރުން ތިބެން ޖެހޭނެ. އޭގެ އިތުރަށް އެކްސްޕީރިއެންސް ކުޅުންތެރިން ވަރަށް މުހިއްމުވާނެ ލީގެއް ކުޅެމުންދާއިރު. އެކްސްޕީރިއެންސް ކުޅުންތެރިން ޓީމު ހިފަހައްޓާނީ.
– ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަމުން ނާދު ބުނެފައިވެއެވެ.
ނާދު އަށް އޮތް ކަންބޮޑުވުމަކީ މި ވަގުތު ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން އަނިޔާގައި ތިބުމުގެ އިތުރުން ބިދޭސީ ކުޅުންތެރިން ލައިގެން ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ނުކުޅެވުމެވެ. އެހެން ނަމަވެސް ކުޅުންތެރިން ޕްރެކްޓިސްގައިލާ ހިތްވަރާއި މުޅި ޓީމާއި މެނޭޖްމަންޓުގެ ފަރާތުން އެ ފެންނަ ރޫހުގެ ސަބަބުން ނާދު ހުރީ މި މަސައްކަތާ މެދު ބޮޑު އުއްމީދުތަކެއް ކޮށްގެންނެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަސްގެ ކޯޗު ނާދު ވަނީ އެޓީމު ކިތަންމެ އާ ނަމަވެސް ދަނޑަށް ނެރޭ ޓީމުން އާދަޔާހިލާފު ކުޅުމެއް ފެނިގެންދާނެކަމަށް ބުނެފައެވެ.
ދަނޑަށް އިރާދަކުރެއްވިއްޔާ ރަނގަޅު ޓީމެއް ނެރެވޭތޯ މަސައްކަތްކުރާނީ.
– ނާދު ބުނެފައިވެއެވެ.
އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ހެޑް ކޯޗެއްގެ ގޮތުގައި ނާދު ފެނުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ވިކްޓްރީގެ ބެންޗުންނެވެ. ސަސް އިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ