ރައްޔިތުންގެ މަޖިލިސް ކޮންމެ ގޮތަކަށް ހިންގެވި ކަމުގައި ވީނަމަވެސް، މަޖިލިސް ތެރެއަށް ސިފައިން ވެއްދުމަކީ ރައީސުލްޖުމްހޫރިއްޔާއާއި ބެހުމެއް އޮތް ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް ހިންގަވަނީ ބޭނުންފުޅު ގޮތަކަށް ކަމަށާއި ނަމަވެސް މަޖިލިސް ތެރެއަށް ސިފައިން ވައްދައިގެން މަޖިލިސް ނުހުއްޓުވާނެކަމަށް ވިދާޅުވެ ރޭ ފޯކައިދޫގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުގައެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް ކޮންމެ ގޮތަކަށް ހިންގެވި ނަމަވެސް މަޖިލިސް ތެރެއަށް ސިފައިން ވެއްދުމަކީ ރައީސާއި ބެހޭ ކަމެއް ނޫންކަމަށެވެ. އެކަން ކުރެވޭނީ މަޖިލީހުގެ ރައީސަށް ކަމަށާއި، އެއީ މަޖިލީހުގެ ރައީސްގެ އިޚުތިޔާރުގައި އޮންނަ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސްގެ ކަންކަމަށް ސިފައިންގެ އެހީތެރި ކަމަށް އެދުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބެހުމެއް އޮތް ކަމެއް ނޫން. މަޖިލިސް އަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލިސްގެ ރައީސްގެ އިޚުތިޔާރުގައި އޮތް ކަމެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިނގަމުން އަންނަ ކަމަށް ރައީސް ސޯލިހް ވިދާޅުވި އިރު، 54 މެމްބަރުން ސޮއި ކުރައްވައި އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ މަޖިލިހުގައި އޮތީ ކޮޅެއްގައި ނުޖެހި ހުއްޓިފައެވެ. އެއީ މަޖިލިހުގެ ޕާޓީތައް ނިސްބަތްވާ އަދަދަށް އައި ބަދަލާ ގުޅިގެން ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމުންނެވެ.
އެމްޑީޕީއިން މަޖިލިހަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް ނަޝީދު ހުއްޓުވާފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލިހުގައި ކުރަނިކޮށް ކަމަށެވެ.
ނަޝީދު، މަޖިލިހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ކުރިއަށް ގެންދަވައި މުޅި މަޖިލިހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި މަޖިލިހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވަމުންދާ ކަމަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.
ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ އެއް ތުހުމަތަކީ މަޖިލިހުގެ މެމްބަރުންނައި އިންޒާރު ދެއްވައި ފުރައްސާރަ ކުރެއްވުމެވެ.