މީގެ 40 އަހަރު ކުރިން ވުދޫވި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ދިވެހި ފުޓުބޯޅަ ރެގިއުލޭޓްކޮށް، ދިވެހި ފުޓުބޯޅާއިގެ ގަވަރނިން ބޮޑީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް 1982 ވަނަ އަހަރު ވުޖޫދުވެގެން އައި މުވައްސަސާއެކެވެ.
ފާއިތުވެދިތަ ތަނުގައި ކުޅިވަރާބެހޭ ވުޒާރާގެ އިރުޝާދާއެކީ ހަރަކާތްތެރިވަމުން އައި މި މުވައްސާ އޭއެފްސީ އަދި ފީފާގެ މެމްބަރަކަށް ވެފައިވަނީ 1986 ވަނަ އަހަރުއެވެ. އެއަށްފަހު ފީފާ އަދި އޭއެފްސީން ލާޒިމްކުރާ، އިންތިޚާބު ކުރެވޭ މެނޭޖަމަންޓްތަކުން މި މުވައްސަސާ ހިންގަމުން އައި ކަމުގައިވި ނަމަވެސް، ވަކީން ޚާއްސަކޮށް ސިޔާސީ ޕާޓީތައް ތައާރަފްވެގެން އައުމަށްފަހު މިމުއްސަސާގެ ރައީސްކަމަށް އެކި ފަރާތްތަކުން ވާދަކޮށް، ނުޒޫފްގަދަ ސިޔާސީ ފަރާތްތަކުގެ އެހީތެރިކަމާއެކު އެފްއޭއެމްގެ ރައީސުން އިންތިޚާބުވެގެން ދިޔަނަމަވެސް، އެފްއޭއެމްއިން އައިސްފައިވަނީ ވަރަށްވެސް ފުޅާދާއިރާއެއްގައި ދިވެހި ފުޓުބޯޅައަށް ޚިދުމަތް ކުރަމުން ކަމުގައި ދެންނެވިދާނެއެވެ.
އެހެންނަމަވެސް މިހުރިހާ ޚިދުމަތްތަކާއެކުވެސް، ފާއިތުވެދިޔަ ތަނުގައި، ކޯޗުންނަށާއި އަދި ކުޅުންތެރިންނަށް މުސާރަ ނުދޭކަމުގެ ޝަކުވާތައް އެޖަމިއްޔާއާއި ގުޅޭގޮތުން ދޭތެރެ ދެތެރެއިން އައިސްފައިވި ނަމަވެސް، ދިވެހި ފުޓްބޯޅަ ކުރިއަރުވަން އޮތް ޖަމިއްޔާއަށް ފަހަކަށްއައިސް ކުރިމަތިލާން ޖެހިފައިވާ ފަދަ ގޮންޖެހުންތަކެއް ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި އެޖަމިއްޔާއަށް ކުރިމަތިވެގެންދިޔަ ތަނެއް، ނުވަތަ ފަހަކަށް އައިސް އެފްއޭމްގެ މައްޗަށް ކުރެވެމުން ގޮސްފައި ވާފަދަ ބޮޑެތި ތުހުމަތުތަކެއް މާޒީވެދިޔަ ދިގު މާޒީގައި އެޖަމިއްޔާގެ މައްޗަށް ކުރެވިގެން ދިޔަ މަންޒަރު ފެނިގެން ގޮސްފައި ނުވާކަމުގައި ދަންނަވާންޖެހެއެވެ.
އެހެންނަމަވެސް، ދިވެހި ފުޓު ބޯޅައަށް ޚިދުމަތް ކުރުމަށް އުފެއްދި މި ފުޓުބޯޅަ ޖަމިއްޔާއަށް ދިވެހި ފުޓު ބޯޅައަށް ޚިދުމަތް ކުރުމަށް މިއަދު ނުކުޅެދިފައި ވާއިރު، މިއަދު އެފްއޭއެމް ވެގެން ގޮސްފައިވަނީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށާއި ދައުލަތުގެ ކުންފުނިތަކަށް ދަރާ އޮތް، ދަރަނީގެ އެތައް މައްސަލައެއް ކޯޓުތަކުގައިވެސް ހިގަމުންދާ ޖަމިއްޔާއެއް ކަމުގައެވެ.
ކަރަންޓު ބިލް ނުދެއްކި، އެފްއޭއެމް ހިގަމުންދާ އިމާރާތުން ކަރަންޓު ކަޑާލުމާއި ހަމައިން، އެ ޖަމިއްޔާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފޯރުކޮށްދިން ފައިސާގެ އެހީތަކަށް ޚިޔާނާތްރެރި ވީކަމުގެ ތުހުމަތު އެފްއޭއެމްގެ މެނޭޖްމަންޓަށް ކުރެއްވެމުން ގޮސްފައި ވެއެވެ.
އަދި އޭގެ އިތުރުން ކޯޗުންނަށް އެފްއޭއެމްއިން ދޭންޖެހޭ މުސާރަ ނުދީގެން، ފީފާއިން އެޖަމިއްޔާއަށް ދޭ ބަޖެޓުން އެ އަދަދު އުނިކުރާނެކަމުގެ އިންޒާރު ފާއިތުވެދިޔަ ތަނުގައި ފީފާއިން ދީފައި ވެއެވެ. ރެފްރީންނަށް އެ ޖަމިއްޔާއިން މުސާރަ ނުދީގެން އެފްއޭއެމްއިން އިންތިޒާމްކުރާ ބައެއް މުބާރާތްތަށް ހުއްޓުމަކަށް އައިސްފައި އެބަހުއްޓެވެ. ދިވެހި ފުޓުބޯޅަ އޮތީ ހީނަރުވެފައެވެ. ފޯރިއެއް ނެތެވެ. އިހުގެ ޒަމާންތަކުގައި، ގަލޮޅު ދަނޑުގައި ކުޅޭ މެޗްތައް ބަލާލުމަށް ވަންނަ މީހުން ދަނޑު ފުރާލިއަސް މިއަދަކު ދިވެހިންގެ ތެރޭގައި ދިވެހި ޓީމަށްވެސް، އަދި ދިވެހި ފުޓުބޯޅައަށްވެސް އެޝައުގާއި ފޯރި އޮތްތަނެއް ފެންނާކަށް ނެތެވެ.
ދިވެހި ފުޓު ބޯޅައަށް ޚިދުމަތް ކުރުމުގެ ނަމުގައި ދައުލަތުގެ މާލިއްޔަތުންނާއި އަދި އެނޫން ގޮތްގޮތުންވެސް އެތައް ޚަރަދުތަކެއް ކޮށް، ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު، މިހޭދަތަކުގެ ނަތީޖާ ފެންނަމުންނެއް ނުދެއެވެ. ދިވެހި ފުޓު ބޯޅައަށް އަންނަމުންދާ ހީނަރުކަމަށް އެޖަމިއްޔާއަށް ހައްލެއް ހޯދައެއް ނުދެވުނެވެ.
މިހާލަތުގައި އޮތް ޖަމިއްޔާއަކުން ދިވެހިރާއްޖޭގެ ފުޓުބޯޅައަށް ޚިދުމަތް ކުރާނީ ކިހިނަކުންތޯ މިއީ ގިނަބައެއްގެ ހިތުގައި މިއަދު އުފެދިފައި އޮތް ބޮޑު ސުވާލެކެވެ. ކުރެވެމުންދާ މި ބޮޑެތި ތުހުމަތަކާއެކުވެސް، މި މުވައްސާގެ މެނޭޖްމަންޓަށް ބަދަލެއް ނުގެނެވި، އޮތް ލީޑަރޝިޕާއެކީ ދިވެހި ފުޓުބޯޅަ ކުރިޔަށްދާނީ ކިހިނަކުންތޯ އެތައް ބަޔަކު މިއަދު ދަނީ ސުވާލު ކުރަމުންނެވެ.
ކޯޗުންނަށާއި، ކުޅުންތެރިންނަށް އަދި މުވައްޒަފުންނަށްވެސް މުސާރަ ނުދޭކަމުގެ އެތައް ތުހުމަތެއް!
އެންމެ ފަހުން އެފްއޭއެމްއާއި ގުޅޭގޮތުން ދެކެވުނު ވާހަކައަކީ މުވައްޒަފުންނަށް މުސާރަ ނުދެތީ މުވައްޒަފުން ވަޒީފާއަށް ނުނިކުތް ވާހަކައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްއިން މުވައްޒަފުންނަށް މުސާރަ ނުދޭތާ 4 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި އީދު ބަންދަށްފަހު އެމްއޭއެއިން ދައުލަތުގެ އެހެން މުވައްސަސަތަކާއި ޚިލާފަށް މުވައްޒަފުންނަށް 2 ހަފްތާގެ ދިގު ބަންދެއް ދީފައިވަނީވެސް މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވާތީކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެފްއޭއެމްއިން މުވައްޒަފުންނަށް މުސާރަ ނުދޭކަމުގެ ތުހުމަތުތައް ކުރެވިފައިވާއިރު، އެފްއޭމްއަށް މުސާރަ ނުދެވޭ ފަރާތްތަކުގެ ލިސްޓަށް އެހާތަނުންވެސް ނިމުން އައިސްފައެއް ނުވެއެވެ. މިގޮތުން ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށްވެސް އެމުވައްސަސާއިން މުސާރަ ނުދޭތާ އަށެއްކަ މަސް ވެއްޖެއެވެ.
ހަމައެއާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށްވެސް މުސާރަ ނުދޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. މުސާރަ އެކަންޏެއް ނޫނެވެ. މުވައްޒަފުންނަށް ދޭން ލާޒިމްވާ ރޯދަ އެލަވަންސްވެސް އެފްއޭމްއިން ދެމުންދަނީ ގާނޫނުން ލާޒިމްކުރާ ތާރީޚުތައް ފަހަނައަޅައިގެން ދާފަހުން ކަމަށް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ.
އެފްއޭއެމްއިން ފާއިތުވެދިޔަ ތަނުގައި، ގައުމީ ޓީމަށް ކޯޗް ކޮށްދިން ފަރާތްތަކަށް މުސާރަ ނުދީގެން އެފަރާތަކުން މުސާރަ ހޯދުމަށް ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާއަށްވެސް ވަނީ ގޮސްފައެވެ. މީގެތެރޭގައި ހިމެނޭ އެއް ބޭފުޅަކީ ޤައުމީ ޓީމުގެ ކުރީގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންއެވެ. އޭނާއަށް މުސާރަ ނުދޭ މައްސަލާ ފީފާއަށް ހުށަހެޅުމުން، އޭނާއާއެކީ ހަދާފައި އޮތް އެއްބަސްވުމާ އެއްގޮތަށް، 45 ދުވަހުގެ ތެރޭގައި، ބަދަލުގެ ގޮތުގައި އޭނައަށް ލިބެންޖެހޭ 2.5 މިލިއަން ރުފިޔާ އޭނާއަށް ދިނުމަށް ފީފާއިން އެފްއޭއެމްއަށް އަންގާފައި ވެއެވެ.
އޭގެ އިތުރުން ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ހޮލެންޑްގެ ރެނޭ ހިޑިންއާއެކު އެފްއޭއެމްއިން ހެދި ތިން އަހަރުގެ އެއްބަސްވުން އުވާލުމުން އޭނާވެސް ބަދަލު ހޯދުމަށް ހުށަހެޅި މައްސަލާގައި ފީފާއިން އޭނާއަށްވެސް 2.5 މިލިއަން ރުފިޔާގެ ބަދަލު ދިނުމަށް އެފްއޭއެމްއަށް ފާއިތުވެދިޔަ އަހަރު އެންގިއެވެ. މިފައިސާތައް އެފްއޭއެމްއިން ދައްކާ ޚަލާސް ނުކޮށްފިނަމަ ފީފާއިން އެފްއޭއެމްއަށް ދޫކުރާ ބަޖެޓުން މިފައިސާ އުނިކުރާނެކަމުގެ އިންޒާރުވެސް އެޖަމިއްޔާއިން އޭރު އެމްއޭއެމްއަށް ދީފައި ވެއެވެ.
ހައްލެއް އެބައޮތްތައް؟
ދިވެހި ފުޓުބޯޅަ ތަރައްގީކޮށް ކުރިއެރުވުމުގެ ޒިންމާއާއި ހަވާލުވެ، އަދި ދައުލަތުގެ ބަޖެޓުންވެސް ޚަރަދު ކުރާ ޖަމިއްޔާއެއްގެ ގޮތުގައި އޮތް އެފްއޭއެމްގެ މިއަދުގެ ހާލަތަކީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ ހާލަތެއްކަމުގައި ދަންނަވާން ޖެހެއެވެ. މި ހާލަތުގައި އެޖަމިއްޔާ އޮވެ، ޖަމިއްޔާގެ މެނޭޖުމަންޓުގެ ބޭފުޅުން ބޮޑެތި މަގާމްތަކުގައި "ބަގުޑި ބައްދައިގެން ތިބެ" ޖަމިއްޔާ ހިންގަމުންދާތާ އެތައް އަހަރެއް ވެގެން ދިޔައީއެވެ.
އެއީ މިއަދު ދަރަނިވެރި ވެފައި އޮތް ޖަމިއްޔާއެކެވެ. ވެވޭ އެއްބަސްވުންތަކާ އެއޮގޮތަށް ކޯޗުންނަށް މުސާރަ ނުދެވޭއިރު، މިޖަމިއްޔާއަކީ ބޮޑު ބަޖެޓެއް މެނޭޖްކޮށް، ދިވެހި ފުޓްބޯޅައަށް ޚިދުމަތްކުރުމުގެ ޒިންމާ އުފުލާންޖެހޭ، މުހިންމު މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ ޖަމިއްޔާއެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ފޯރިއެއް ނެތެވެ. އަމިއްލަ ގައުމުގައި ހިނގަމުންދާ މުބާރާތްތަކުގެ ޝައުގުވެރިކަން އިތުރުކޮށް, ދިވެހި ފުޓުބޯޅައަށް ކުރިއެރުން ހޯދޭނެ ގޮތެއް ނެތިފައި މި ޖަމިއްޔާއަށް އޮތްއިރު, ބައިނަލްއަގުވާމީ މުބާރާތްތަކުން ދިވެހި ގައުމީ ޓީމަށް ދަނީ ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިވަމުންނެވެ. އޭގެ އެންމެ ފަހުގެ ތަޖުރިބާއަކީ ފާއިތުވެދިޔަ ސާފް ޗެމްޕިއަން ޝިޕެވެ. ސެމީ ފައިނަލާއި ހަމައަށްވެސް ދަތުރު ނުކޮށް, ދިވެހި ގައުމީ ޓީމު މުބާރާތަށް އަލްވަދާޢު ކިޔާން ޖެހުނު ޖެހުމެވެ.
އެހެންނަމަވެސް އެތައް އަހަރެއް ވަންދެން, ބަދަލުނުވެ އޮތް އެފްއޭއެމްގެ މެނޭޖްމަންޓް އަދިވެސް އެގޮތުގައި އޮތީއެވެ. އެ ޖަމިއްޔާގެ ރައީސްކަމުގައި ހުންނެވީ ރާއްޖޭގައި ހިގައިދިޔަ އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތެކެވެ. ބައްސާމް ޖަމިއްޔާގެ ރައީސް ކަމުގައި ހުންނަތާ 7 އަހަރު ފާއިތުވެގެން ދަނީއެވެ.
ޖަމިއްޔާގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި, ދިވެހި ފުޓުބޯޅަ ކުރިއެރުވުމުގައި އެ ޖަމިއްޔާއަށް ކުރިއެރުމެއް ނުހޯދި, ހިންގުން ބޮއްސުން ލި ނަމަވެސް, އޭނާ މަގާމުން އިސްތިއުފާއެއް ނުދެއްވައެވެ. ހުންނެވީ މަގާމުގައި ބަގުޑި ބައްދަވައިގެންނެވެ.
އެހެންނަމަވެސް ގަބޫލުރާޖެހޭ ހަގީގަތަކީ ރަގަޅު ލީޑަޝިޕެއް އޮވެގެން މެނުވީ ދެން މިޖަމިއްޔާއަށް ކުރިއެރުމެއް ނާންނާނޭ ކަމެވެ. އެއީ ކޮންމެ ނާކާމިޔާބީއަށްފަހުވެސް އޭރަކު އޮންނަ މެނޭޖްމަންޓަކުން އޭގެ ޒިންމާ އުފުލާންޖެހޭނެތީއެވެ. އަދި ހައްލެއް ނުހޯދިއްޖެ ނަމަ, ވެރީން އޭގެ ޒިންމާ އުފުލާ އިސްތިއުފާ ދެއްވަން ޖެހޭނެތީވެސް މެއެވެ.
"ސޭވް އެފްއޭއެމް"ގެ ނަމުގައި މިހާރު ފެށިގެން ކުރިޔަށްދާ، އެފްއޭއެމްގެ އިސްލާހީ ކެމްޕޭންގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކުތިބީ، މިމުވައްސާގަ މިހާރު އޮތް ނާގާބިލް ލީޑަރޝިޕް ބަދަލުވެ، ހިންގުންތެރި ބަޔަކަށް އެފްއޭއެމްގެ ހުންގާނާއި ހަވާލުވެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.