ވޭތުވެދިޔަ ފަސް އަހަރު ގައުމަަށް ތަރައްގީ ގެނައީ މެދުނުކެނޑި ބަޔަކު ސަރުކާރަށް ދަތިކުރަމުން ދަނިކޮށް އެކަންކަން ކަޑައްތު ކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި ށ. ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ބަޔަކު މެދުނުކެނޑި "ދައްޗާއި އުނދަގޫ" ކުރިމަތި ކުރުވި ކަމަށެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ކުރި ބުރަ މަސައްކަތަކީ ރާއްޖެ ހަމަޖެހޭ އަމާން މުޖުތަމައުއަކަށް ހެދުމަށް ކުރި މަސައްކަތް ކަމަށެވެ. އެކަމުގެ ނަތީޖާ މުޅި ރާއްޖެ އިން ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކާމިޔާބީތަކަށް އަޅުގަނޑުމެންނަށް ވާސިލު ވެވުނީ އެއްވެސް ހާލެއްގައި ދަތި ހުރަސްތައް ނެތިއެއް ނޫން. މެދުނުކެނޑި، މެދުނުކެނޑި، ސަރުކާރަށް ދައްޗާއި އުނދަގޫ ކުރަމުންދިޔަ ބަޔަކު ތިބި. ބޭނުމަކީ އެބައެއްގެ، އެމީހެއްގެ އަމިއްލަ މަސްލަހަތު އިސްކުރުން. އެހެން ނަމަވެސް އެއަކަށް އަޅުގަނޑުމެން ޖާގައެއް ނުދެން، އިސްކުރީ ރައްޔިތުން، ގައުމު، ތިބޭފުޅުންގެ ދިރިއުޅުން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށް ވެސް އުފާވެރި ދިރިއުޅުމެއް ލިބެން ޖެހެއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކީ އުފާވެރިކަމާ އެކީގައި ހަމަޖެހިގެން ރާއްޖޭގައި އުޅެވޭ މީހަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަސާސީ ހިދުމަތްތަކުން މަހްރޫމްވެ ތިބެ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ. ސާފު ފެނާއި ނަރުދަމާ އާއި ތައުލީމާއި ސިއްހަތު ނެތި އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، ކުޑަ ރަށެއްގައި ބޮޑު ރަށެއްގައި ދިރިއުޅޭ މީހަކަސް، ތަފާތު ކުރުމެއް ނެތި އަސާސީ ހިދުމަތްތައް މި ދަނީ ފޯރުކޮށްދެމުން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަގުތައް ހެދުމާއި ބަނދަރާއި ކަރަންޓާއި އެއްގަމާޢި ވައިގެ ދަތުރުފަތުރާއި ފެނާއި ނަރުދަމާ ފަދަ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކުރަމުންދާ ކަމަށެވެ. އަދި ޓާޝަރީ ހޮސްޕިޓަލްތަކާއި ކޮލެޖްތަކާއި ޖޫނިއާ ކޮލެޖްތައް އެޅެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވާދަވެރިންނަށް ފާޑުވިދާޅުވުމުގެ އިތުރުން، ކޮމަންޑޫ ޖަލްސާ ގައި ރައީސް ވިދާޅުވީ ވޯޓުލާ މީހުންގެ ކުރިމަތީގައި އޮތީ ދެ ގޮތް ކަމަށާއި އެމަނިކުފާނާއެކު އަމާން ރާއްޖެއަކަށް ދެވެން އޮއްވައި، "އަނިޔާވެރިކަމާއި ބިރުވެރިކަން" ރައްޔިތުން ހިޔާރު ނުކުރާނެ ކަމަށެވެ.