އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިސް ތެރޭގައި ނުހިނގާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ތެރޭގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަަލައާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިވަގުތު މަޖިލިސް ތެރޭގައިނެތްކަމަށެވެ.
ނަމަވެސް އެމްޑީޕީއަކީ އަނިޔާއާއި، ވައްކަމާއި އަބަދުވެސް ދެކޮޅު ޕާޓީއަކަށްވާއިރު އެފަދަ ކަންކަން ކުރާ އަދި ހިންގާ ވަޒީރުންނާއިމެދު އެމްޑީޕީ ތެރެއިން އަމަލު ކުރަންޖެހޭ ގޮތްތަކާއިމެދު މިހާރުވެސް ޕާޓީގެ ތެރޭގައި މަަސައްކަތް ކުރެވެމުންދާކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެމަސައްކަތް ކުރެވެނީ ކޮންގޮތަކަށް ކިހާ ފުޅާދާއިރާއެއްގައިކަމެއް ރައީސް ނަޝީދު ވިދާޅެއްނުވެއެވެ.
މިނިސްޓަރ ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. މަޖިލިސް ތެރެއިން މިމަސައްކަތް ހުއްޓިފައިވަނީ ރައީސް ޞާލިހުގެ އިތުބާރު ފައްޔާޟަށް އޮތުމުންކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައްޔާޟް މަޤާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށެވެ. އަދި އެއީ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ވަޒީރެއްކަމަށް ވެސް، ރައީސް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ފައްޔާޟް އިސްމާއިލްއަކީ މިސަރުކާރުގެ ވައުދުތައް ފުއްދުމުގަޔާއި، ތަންފީޒީ މަރުހަލާގައިވެސް އެންމެބުރަކޮށް މަސައްކަތް ކުރައްވާ އެއްވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް-19ގެ ހާލަތުގައިވެސް ދިމާވި މައްސަލަތައް ހައްލުކޮށް ދެއްވުމުގައި މިނިސްޓަރ ފައްޔާޟް ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ