ފުވައްމުލަކުގައި ހިންގި މާރާމާރީ އާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ހިންގި މާރާމާރީ އާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2023 10:12
0

ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީގައި މީހަކަށް ބޮޑެތި އަނިޔާތައް ދިން މައްސަލާގައި އެރަށުން މިއަދު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެމީހުންނާ ގުޅޭ ތަފްސީލުތަކެއް އަދި ނުލިބެއެވެ.

ފުވައްމުލަހުގައި ރޭ ހިންގި މާރާމާރީ ގައި އަނިޔާ ލިބުނު މީހަކު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެއަށް ގެނެސްފައެވެ. ފުލުހުން ބުނި ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ރޭ 12:30 ހާއިރުއެވެ. އަދި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީއެކެވެ. އެނގިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވި މީހާގެ އިސްތަށިގަނޑާއި ގައިގައި އަލިފާން ޖައްސާ އޭނާގެ ބޮލަށްވެސް އެކިވަރުގެ ހާނީއްކަ ކޮށްފައި ވެއެވެ.

އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އެ މީހާ މިހާރު މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.