ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުތަކުގައި ނެކުމުފައިވާ ނަތީޖާތަކާއި، އެކި ޕާޓީތަކަށް ލިބުނު ވޯޓުތަކުގެ ޢަދަދުތަކުގެ ތަފްސީލަށް ބަލާއިރު މިފަހަރުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ސުކޫލުގައި މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ކެމްޕެއިނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަނީ އެންމެ ބޮޑު ކޯލިޝަނާ އެކުގައި ކަމަށާއި، އެ ކޯލިޝަންގައި 77،700 މެމްބަރުން ތިބޭނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ރިޔާސީ އިންތިހާބަށް ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމަނައިގެންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަނީ މިހާތަނަށް އިންތިހާބެއްގައި ވާދަކުރާ އެންމެ މެންބަޝިޕް ބޮޑު ކޯލިޝަނާއެކުގައި ކަމަށެވެ.
މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނަނީ ކޯލިޝަނެއްގެ ތެރެއިން. މިތަނުގައި ތިއްބަވާނެ ކޯލިޝަން ބޭފުޅުން. މިއީ މިހާތަނަށް ރާއްޖޭގައި ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން. އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު އެއްކޮށްލީމަ 77،700 މެމްބަރުން އެބަތިބި.
– ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަލި އަޅުވާލައި ރައީސް ޞާލިހު ވިދާޅުވީ 2013ގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރުގައި ޕީޕީއެމްގެ މެންބަޝިޕްއަކީ 40،000 މެމްބަރުން ކަމަށެވެ. ނަމަވެސް 2018 ގެ އިންތިޚާބުގައި 98،000 ވޯޓު ފުރަތަމަ ބުރުގައި ހޯއްދެވިކަމަށެވެ.
އަދަދުތައް އަޅައި ކިޔުއްވަމުން ރައީސް ވިދާޅުވީ "އެކީގައި މަސައްކަތް ކުރެއްވިއްޖެއްޔާ މިއީ ނިމިފައި އޮތް ކަމެއް" ކަމަށެވެ. އިންތިހާބުން މޮޅުވާނޭ ކަމުގެ ހިސާބު ރައީސް ޖައްސަވާފައި މިވަނީ އެމްޑީޕީ ޕްރައިމަރީން ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އާ ޕާޓީއެއް އުފެއްދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންތިހާބަށް ހިސާބު ޖައްސަވާފައިވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމްޑީޕީގައި 58،035 މެމްބަރުން އެބަތިބިއެވެ. އެމްޑީއޭގައި 10،277 މެމްބަރުން ތިބި އިރު، އަދާލަތު ޕާޓީގައި ތިބީ 9،595 މެމްބަރުންނެވެ.
މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދަން ދައުވަތު ދިން ނަމަވެސް ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން ރިޔާސީ އިންތިހާބުގައި ވަކި ގޮތެއް ނުނިންމައެވެ.