މި ދައުރުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ:މަހްލޫފް

މި ދައުރުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ:މަހްލޫފް

Author
އަޒްފާ ރަޝީދު
05 ޖުލައި 2023 10:05
0

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި ދައުރުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑާއި، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކުރަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކާއި، ތިން ކޯޓުގެ ވޮލީބޯލް އިންޑޯ ޓެންޑާކޮށް ބިޑު ނެގުން މިމަހު އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން، ތިން ކޯޓުގެ ނޭޝަނަލް ބާސްކެޓް ބޯޅަ އެރީނާ އާއި، ނެޝެނަލް ޓީޓީ ސެންޓަރުގެ ބިޑް ނެގުންވެސް މި މަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، އެ މަސައްކަތަށް ޖުމްލަ 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާއި، މި ދައުރުގައި މަސައްކަތް ފަށައި، އިރާދަކުރެއްވިއްޔާ ނިންމާނީ ވެސް ރައީސް ޞާލިޙްގެ ވެރިކަމެއްގައި ކަމަށެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް އެކަނި 10 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. ނަމަވެސް މި މަޝްރޫއަށް އެކަނި ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން މީގެކުރިން އަންދާޒާކޮށްފައިވެއެވެ. ގަލޮޅު ދަނޑު ތަރައްގީ ކުރަން ދަނޑު އެއްކޮށް ތަޅާލަން ޖެހޭ އިރު، އެކަން ކުރާނީ ހުޅުމާލޭގައި ކުޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ގަލޮޅު ދަނޑުގެ މަސައްކަތް ސީދާ ފެށޭނެ ތާރީޚެއް މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.