އެމްޑީޕީގެ ރައީސާއި، ނައިބް ރައީސް އިންތިޚާބުކުރާނީ ރިޔާސީ އިންތިޚާބަށްފަހު

އެމްޑީޕީގެ ރައީސާއި، ނައިބް ރައީސް އިންތިޚާބުކުރާނީ ރިޔާސީ އިންތިޚާބަށްފަހު

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 10:08
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ހުސްވެފައިވާ އެޕާޓީގެ ރައީސްކަމުގެ މަޤާމަށާއި، ނައިބް ރައީސްކަމުގެ މަޤާމަށް ބޭފުޅުން އިންތިޚާބު ކުރާނީ ރިޔާސީ އިންތިޚާބަށް ފަހުކަމަށް އެޕާޓީން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީން ބޭއްވި އެތެރޭގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިހެއެވެ. އެމްޑީޕީގެ ރައީސާއި، ނައިބް ރައީސްގެ މަޤާމު ހުސްވީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލް ތަފާތުވުމުގެ ތެރެއިންނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ޕާޓީން އިސްތިއުފާ ދެއްވީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސާއި، ނަިއބް ރައީސް އިންތިޚާބު ކުރާނީ ރިޔާސީ އިންތިޚާބަށް ފަހު ކަމަށެވެ.

އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.

ރިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެޕާޓީތެރެ ބައިބައިވެ އެހެން ޕާޓީއެއް އުފެދިފައި ވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.