ކުޅުދުއްފުށި މަށި މާލި ޕެރޭޑު: ނުފުއްދުނު ވައުދުތައް ދައްކާލައިފި

ކުޅުދުއްފުށި މަށި މާލި ޕެރޭޑު: ނުފުއްދުނު ވައުދުތައް ދައްކާލައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 09:47
0

ކުޅުދުއްފުށި ސިޓީއަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ނުފުއްދި ހުރި ވަޢުދުތައް ޢީދު ދުވަހު ނެރުނު މަށި މާލި ޕެރޭޑުން ދައްކާލައިފިއެވެ.

ސިޔާސީ ހުރިހާ ކުލައެއްވެސް ފެންނަ ގޮތަށް ނެރޭ މިމާލި ޕެރޭޑަކީ މުޅި ރާއްޖޭގެ ސަމާލުކަން ކޮންމެ އަހަރަކު ހޯދާ ޕެރޭޑެކެވެ. މިފަހަރުގެ އީދުގައިވެސް އެރަށުގެ ރައްޔިތުން ވަނީ މާލިތައް އެކި ގޮތްގޮތަށް ދައްކާލާފައެވެ. މިގޮތުން އެރަށް ވީ ވައުދުތަކުގެ ތެރެއިން ބައެއްކަން ނުވެ ހުރުމުން އެކަންކަން ވަނީ މާލީގެ ޒަރީއާއި ހިއްސާކޮށްފައެވެ.

ފުށް ފެކްޓްރީ:

މިމާލީގަިއ ފެންނަނީ އަންހެނަކު ފުށް ފެކްޓްރީގައި މަސައްކަތް ކުރަން އިންނަ ތަނެވެ.

އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ކުޅުދުއްފުށި ސިޓީގައި އެޅުމަށް އެސްޓީއޯއިން ނިންމާފައިވާކަން އެސްޓީއޯއިން ވަނީ މިދިޔަ އަަހަރު ހާމަކޮށްފައެވެ. އެ މަސައްކަތް ކުޅުދުއްފުށިން ކުރާނެ ސަރަހައްދެއް ކަނޑައަޅައި، އެތަން ބެލުމަށް އެސްޓީއޯގެ ޓީމެއް އެސިޓީއަށް އެކިފަހަރު މަތީން ވަނީ ގޮސްފައެވެ. ކުޅުދުންފުށީގައި ފުށް ފެކްޓްރީ އެޅުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ޕޯޓް ހުރި ސަރަހައްދުގައެވެ. ނަމަވެސް މިހާތަނަށް އެކަން ވެފައި ނުވެއެވެ.

ގެއްލުނު ޓްރެކް:

ގެއްލުނު ޓްރެކު މާލީގައި ފެނިގެން ގޮސްފައިވަނީ ޓްރެކުގެ އަސްލު ޕްރިންޓަކާއިއެކު އޮތް މާއްޔަކާއި، ޓްރެކު ގާޑިއާއެއްގައި އޮތް މާއްޔެކެވެ. ކުޅުދުއްފުށީގައި އެންމެ ޒަމާނީ ޓްރެކެއް އަޅާނެކަމަށް ސަރުކާރުން ވަނީ ވައުދުވެފައެވެ. އަދި ކުޅުދުއްފުއްޓަކީ ރާއްޖޭގައިވެސް ފާހަގަކޮށްލެވޭ އެތުލީޓުން ތިބި ރަށެކެވެ.

މީގެ އިތުރުން އެރަށު ޓާޝަރީ ހޮސްޕިޓަލާއި އެނޫންވެސް ނުވެ ހުރި ގިނަ ކަންކަން މިމާލިތަކުން ވަނީ ދައްކާފައެވެ. މިކަން ކުރުމުގައި ސަރުކާރަށް ތާއީދު ކުރާ މީހުންނާއި، ނުކުރާ މީހުންވެސް ޝާމިލްވެއެވެ. މީގެ އިތުރުން ކޮތަޅުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަންވެސް މާލިތަކުން ވަނީ ދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.