ފުއްގިރި އާއި، "ޗަކަ ގޯސް" މާލިތަކާއިއެކު ކުޅުދުއްފުށީ ޕެރޭޑް މިފަހަރުވެސް ތަފާތު!

ފުއްގިރި އާއި، "ޗަކަ ގޯސް" މާލިތަކާއިއެކު ކުޅުދުއްފުށީ ޕެރޭޑް މިފަހަރުވެސް ތަފާތު!

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 09:27
0

އަޟްހާ އީދަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރާ އީދެކެވެ. ހުރިހާ ރަށެއްގައި ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ބާއްވައެވެ. އެކި ރަށްރަށުގައި އެކި ކަހަލަ ހަރާކްތައް އޮވެއެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ ހދ. ކުޅުދުއްފުށީ ސިޓީއެވެ. އެ ރަށުގައި ފޯރިގަދަ ގިނަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އެ ރަށުގައި ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑްއެވެ. ޒަމާނުއްސުރެ އެ ޕެރޭޑް ކުރިއަށް ގެންދާއިރު އެ ހަރަކާތުގައި ދައްކުވައި ދެނީ މިހާރު ހިނގަމުންދާ އެންމެ މަޝްހޫރު ކަންކަމެވެ. އަދި ސަރުކާރުން ވައުދުވެ، ފުރިހަމަ ނުކޮށްދީފައި ހުންނަ ކަންކަމެެވެ.

"ގެއްލުނު ޗަކަ ގޯސް" ގެ ނަމުގައިި ނެރުނު މާއްޔަކީ އެރަށު ރީތި ޗަކަ ކުޅިނަގައި އެޅި އެއާޕޯޓާއި ގުޅިގެން ނެރުނު މާއްޔެކެވެ. މިމާއްޔަށް ވަނީ ބޮޑު ތަރުހީބެއް ދީފައެވެ. ޗަކަ ކުޅި ނަގައި އެޅި އެއާޕޯޓަށް ސަރުކާރުން އަޅާނުލައި އެކަށީގެންވާ ތަރައްޤީ ނުގެނެސްދޭތީ ކުޅުދުއްފުށީ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ހަންޑިއެއް ގޮތަށް ކަޅު ކުލައިގެ ހެދުމެއް އަޅައިގެން، އެކަހަލަ މާސްކެއް އަޅައިގެން ހުރި މީހަކު ޕެރޭޑު މެދު ތެރެއިން ފެނުނެވެ. ބަރޮއެއް މަތީ ގޮނޑިއެއް ބަހައްޓާފައި، ދެ މީހަކު އޭނާ ދުއްވާފައި "އިއްޒަތާއެކު" ގެންދެ އެވެ. އަދި ކުޑައެއް ވެސް އޭނާ ހިޔާވާ ގޮތަށް ބަހައްޓާފައި ހުއްޓެވެ. ބަރޯ ވަަށައިގެން އަޅާފައި ހުދު ކުލައިގެ ފޮތި ގަނޑުގައި ކަޅު ސްޕްރޭއަކުން "މުގާބޭ" ލިޔެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މަސައްކަތްތައް ނުކުރެވި "މަރުތަޅަކަށް" ދިޔުމުން، ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރާ ބޭފުޅުން ތުހުމަތު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައީސް ސޯލިހުއަށް ތާއީދުކުރާ ބޭފުޅުން ތުހުމަތު ކުރެއްވީ ނަޝީދަށެވެ. ރިޔާސަތުގެ ބާރު ނަޝީދަށް އޮތް އިރު، މެޖޯރިޓީ އޮތީ ރައީސަށެވެ. އެ ދުވަސްވަރު ނަޝީދަށް "މުގާބޭ" އޭ ގޮވައި އެމްޑީޕީ މެންބަރުން އަޑުގަދަކޮށް ހެދިއެވެ.

މާލި ތެރެއިން ފުއްގިރިވެސް ވަނީ ފެނިގެން ގޮސްފައެވެ. ފުއްގިރި މާލިން ދައްކުވައިދިނީ ދެމީހަކު ފުށް ގިރަން ތިބި ތަނެވެ. ފުށްގިރި އަކީ ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ހިމެނޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މައްސަލައެވެ. މިމައްސަލައިގެ ޝަރީއަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

އޭގެ އިތުރުން "ރާގޮނޑި ރާޖާ" އާއި "ޗޯރު" ގެ ލަގަބު ލިޔެފައިވާ މާލިތަކެއް ވެސް ފެނުނެވެ. "ރާގޮނޑި ރާޖާ" އަކީ ކުރީގެ ރައީސް ޔާމީނަށް ނިސްބަތްކޮށް ކިޔާ ވަނަމެކެވެ. "ޗޯރު" އަކީ ރައީސް ސޯލިހަށް ނިސްބަތްކޮށް، އެމަނިކުފާނަށް ފާޑުކިޔާ މީހުން ގޮވާ ނަމެކެވެ.

މީގެ އިތުރުން މާލިތަކުގައި ވަނީ ކުޅުދުއްފުށި ފުށް ފެކްޓްރީއާއި، އަޅަން ބުނި ޓްރެކާއި، މިނޫންވެސް އެތައް ކަމެއް ރަމްޒު ކޮށްދޭ ގިނަ މާލިތަކެއް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.