މާލޭގައި ކުޑައިރުއްސުރެ އުޅެ ބޮޑުވެފައިވާ ރާއްޖެތެރޭ މީހުންނަށް މާލެ ސަރަހައްދުން ސަރުކާރުން ދިން ގޯތި ނުލިބުމުން، ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ސަރުކާރުގެ "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 10314 މީހަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން އިއްޔެ ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅާ އެއްގޮތަށް ފުރަމާލެއިން ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ސަރުކާރުން މިހާރު ވަނީ ޢާއްމުކުރައްވާފައެވެ. މިލިސްޓުން މާލޭގެ ގިނަ ބަޔަކަށް ގޯތި ވަނީ ލިބިފައެވެ.
މިކަމަށް މަރުހަބާ ވިދާޅުވެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ މާލޭގައި އުމުރު ހުސްކުރި ރާއްޖެތެރޭ މީހާއަށް މިލިސްޓުން ޖާގަ ނުލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
މާލެއަށް އުފަންވެ މާލޭގަ ބޮޑުވި ރާއްޖެތެރޭ މީހާއާއި، ކުޑައިރު މާލެެއަށް ހިޖުރަކޮށް މާލޭގަ އުޅުނު މުސްކުޅިވެ ރާއްޖެތެރޭ މީހާއަށް ތިޔަ ސްކީމުން ގްރޭޓާ މާލެ އިން ގެދޮރުވެރިވިތޯ؟ ބައްލަވާ މީހުންގެ ކާފަ ވަކި ރަށަކަށްވީތީ އެމީހާ ބިންވެރިވާންޖެހެނީ އެރަށަކަށްތޯ؟
– ދިޔާނާ އަލީ ނިޔާޒާއި ސުވާލު ކުރެއްވިއެވެ.
Male ah ufanve Malega boduvi ‘Raajjetherey meehaayaa’ kudairu Male ah hijurakoh Male ga ulhe muskulhivi ‘Raajjetherey meehaayah’ thiya scheme in Greater Male in gedhoruverivitho?
Ballavaa, meehehge kaafa vaki rashakahveethee emeehaa binverivaanjehenee erashakuntho? #QA41 https://t.co/wpr5Pj30My
— Dhiyana ?🌹 (@dhiyanasaid) June 27, 2023
ފްލެޓާއި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަސައްކަތްކުރިއަށްގެންދެވި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.
ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ. ކޮމެޓީން ހިއްސާކުރެއްވި މަޢުލޫމާތައް ބަލާއިރު ބިންވެރިޔާ ސްކީމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވަނީ 2370 ފޯމެކެވެ. އެއީ ޖުމްލަ 3231 މީހެކެވެ.
މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.
ކޮމެންޓު ފޮނުވާ