ފަސްއެނބުރި ބެލުމެއް ނެތްކަމަށާއި، އެމްޑީޕީ ދާނީ ކުރިއަށް ކަމުގައި އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހު ވަނީ އެމްޑީޕީގެ އާންމު މެމްބަރުންނަށާއި، ޕާޓީގެ ލީޑަރޝިޕަށް މަރުހަބާ ދަންނަވައި ތަހުނިޔާ ފޮނުވާފައެވެ. ރއީސް ވިދާޅުވީ އެމްޑީޕީން ކުރިމަގުގައިވެސް ފަހަތަށް ދާންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެޕާޓީގެ އާންމެ މެމްބަރުންނާއި ލީޑަރޝިޕުން ދާނީ ކުރިއަށް ކަމުގައި ރައީސް ޞާލިހު ވިދާޅުވިއެވެ.
އެމް.ޑީ.ޕީ.ގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން. މާތް ރަސްކަލާންގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހުު އެޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތު ވުންތަކާއިއެކު ޕާޓީގެ ލީޑަރޝިޕަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މަޖިލިސް 13 މެމްބަރަކު ވަނީ އެޕާޓީން ވަކިވެ އާސިޔާސީ ޕާޓީއެއްއުފެދުމުގެ މަސައްކަތް ފަށާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާއިރު އެޕާޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާދަވެރި ޕާޓީތަކުން ކުރާ ޕްރެޝަނަށްވުރެ އަމިއްލަ ޕާޓީތެރެއިން އޮތް ޕްރެޝަރެވެ. ނަމަވެސް އެމްޑީޕީން ބުނަމުންދަނީ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެކަމަށެވެ.
އެމްޑީޕީއަށް 18 އަހަރު ފުރުން ފާހަގަކުރައްވަން ރޭ ދެއްވި ހިތާބެއްގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސިފަކުރެއްވި ގޮތުގައި އެއީ އެތެރޭގެ ގޮންޖެހުންތަކަކީ އެ ޕާޓީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
26 ޖޫން 2005 ގައި ރަޖިސްޓްރީ ކުރި އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ ޕާޓީން ވަނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައެވެ. މީގެ އިތުރުން 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބާއި، 19 ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އަދި ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.