ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ގެއަށް ކަނޑާލަން ވިދާޅުވުން މާ އައުލާން ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޖުމުހޫރީ ޕާޓީގެ މެމްބަރުން ވެރިކަން ކުރާ އެމްޑީޕިއަށް "ދަމާ" ގެންދަމުން ދާއިރު، އެމްޑީޕީއާއެކު ޖޭޕީން ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިހާރު އޮތްކަމަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ގާބޫލު ކުރައްވަނީ އެ އެއްބަސްވުން މިހާރު އޮތީ ނިމިފައި ކަމުގައި ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ.
ޤާސިމް ވަނީ ރައްޔިތުންނަށް ހަމަހަމަކަން ގާއިމު ނުކުރެވޭނެ ނަމަ ވެރިކަމުގައި ނުހުންނަވައި "ގެއަށް ކަނޑާލުމަށް" ރައީސް ޞާލިހަށް ދަންނަވާފައެވެ.
ޤާސިމްގެ ވާހަކަތަކާއި ގުޅިގެން ރާއީ ވިދާޅުވީ ސަރުކާރާއި، ރައީސް ޞާލިހާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވާއިރު ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި ޖޭޕީގެ ބޭފުޅުން ގެއަށް ކަނޑާލަން ބުނުން މާ އައުލާން ބޮޑުކަމަށެވެ.
ހިތު ހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ވިދާޅުވާން ވީނުތޯ އަޅުގަނޑުގެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތްތަށް މިހިނދުން މިހިނދަށް އިސްތިއުފާދޭން، ނޫނީ ގެއަށް ކަނޑާލާން، ނުކެރޭނެ. އަރާނެ ގޮޅިއެއް އަދިވެސް ނުނިންމޭ. ގައުމަށާއި ރައްޔިތުންނަށޭ ކިޔުއްވައިގެން، އަބަދުވެސް ކޮބައިތޯ މަށަށް މޮޅުވާނެ ގޮތް ހޯދުމުގައި.
– ރާއީ ވިދާޅުވިއެވެ.
އިއްޔެ ގާސިމް ވިދާޅުވީ ނިމިދިޔަ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އޭނާ ތާއީދު ކުރެއްވީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކަމަށެވެ. އަދި 2013 ވަނަ އަހަރު ޕީޕީއެމް ވެރިކަމަށް ގެނައުމަށް ތާއީދު ކުރެއްވި އިރު، މިފަހަރު އޭނާ ވެރިކަމަށް ގެނައުމަށް ފުރުސަތެއް ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީއާ ގުޅުމަށް ޕީޕީއެމްގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަށް ސިޓީ ފޮނުއްވާފައި ވާނެ ކަމަށެވެ. އޭރު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޕީޕީއެމުން ބުނި އިރު، ހާލަތަކީ ބަދަލުވާ އެއްޗެއް ކަމަށާއި އެގޮތަށް ހާލަތު ވެސް ބަދަލުވެދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ