ޖުމުހޫރީ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ކުއްލި ގޮތަކަށް ޖުމުހޫރީ ޕާޓީގެ ހަރަކާތްތަކުން "ގެއްލިއްޖެ" ކަން ގިނަ ބަޔަކު ފާހަގަކުރާން ފަށައިފިއެވެ.
ޑރ. ހުސެއިން ރަޝީދު ޖުމުހޫރީ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ ކެބިނެޓްގައި ހުންނެވި ނަމަވެސް، އޭނާވަނީ، ޖޭޕީގެ ފަރާތުން ކެބިނެޓްގައި ތިއްބެވި އެހެން ބައެއް ވަޒީރުން ފަދައިން ރައީސް ސާލިހު ފާޅުގައި އެންޑޯސް ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އޭނާވަނީ ޖޭޕީގެ ހަރަކާތްތަކަށްވެސް، ރައީސް ސާލިހާއި އެމްޑީޕީން ރިޔާސީ ޓިކެޓް ހަވާލުކުރިން ފަހުންވެސް، ވަޒީރުކަމުގައި ހުންނަވައިގެން ނިކުންނަވާފައެވެ.
މިގޮތުން، ފާއިތުވި، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެޕާޓީގެ ނާއިބު ލީޑަރުކަމަށް ވާދަ ކުރައްވާ ނާކާމިޔާބު ވުމަށްފަހު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވެފައިވަނީ، ނާއިބު ލީޑަރުކަމަށް ވަޑައި ނުގެންނެވުނު ނަމަވެސް އޭނާ ދެމިހުންނަވާނީ ޖުމުހޫރީ ޕާޓީގައި ކަމުގައެވެ. އަދި ގާސިމްވަނީ އޭނާ އެޑްވައިޒަރުގެ މަގާމަށްވެސް އައްޔަން ކުރައްވާފައެވެ.
އެއަށްފަހު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ޖޭޕީއާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ކުރެވުނު މަސައްކަތްތަކުގައި ނަޝީދުއާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ޑރ. ހުސެއިން ބައިވެރިވަޑައިގެންފައި ވެއެވެ.
އެހެންނަމަވެސް ފަހަކަށް އައިސް ޖޭޕީގެ ހަރަކާތްތަކުގެ ޑރ. ހުސެއިން ބައިވެރިވެވަޑައިގަންނަވަމުން ނުގެންދަވާކަމަށް ފާހަގަވާން ފެށީ ދާދިފަހުން ބޭއްވުނު، ޖޭޕީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ކެނޑޑޭޓް ގާސިމް އިބުރާހިމަށް އެރުވުމަށް ބޭއްވުނު ބޮޑު ޖަލްސާއިން ޑރ. ހުސެއިން ނުފެނުމާއި ގުޅިގެންނެވެ. އަދި އިއްޔެ ބޭއްވިގެން ދިޔަ ޖޭޕީގެ ކައުންސިލް ބައްދަލުވުމުންވެސް ޑރ. ހުސެއިން ފެނިގެން ގޮސްފައެއް ނުވެއެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުން ޖޭޕީން ބާއްވާ ބޮޑު ކޮންމެ އިވެންޓެއް ބާއްވާއިރުވެސް ޑރ. ހުސެއިން ހުންނަވަނީ ސްރީ ލަންކާގައެވެ.
ފަހުން ޖޭޕީން ބާއްވާ ކޮންމެ ބޮޑު އިވެންޓަކާއި ދިމާކޮށްވެސް ޑރ. ހުސެއިން ލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންވާ ކަމީ ސުވާލު އުފެދޭ ކަމެއް.
ނަން ނުޖަހަން ޝަރުތުކޮށް ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.
"ޚަބަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި، ގާސިމް އިބުރާހިމް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާއެކު، އަދި ޑރ. ހުސެއިން ރައީސް ސާލިހު އެންޑޯސް ކުރައްވާފައި ނުވާތީ، ވަޒީރުކަމުން އިސްތިއުފާ ދެއްވަން ރައީސް ސާލިހު ޑރ. ހުސެއިންއަށް އެންގެވިއެވެ.
އެހެންނަމަވެސް އެފަހަރު ޑރ. ހުސެއިން ވިދާޅުވި ކަމަށްވަނީ، "ވިސްނަވާލެއްވުމަށް 3 ދުވަސް" ދެއްވުމަށެވެ. އެއަށްފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޑރ. ހުސެއިން ވިދާޅުވެފައިވަނީ ކޯލިޝަން ހަދާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށްކަމަށް ވުމާއެކު، ވަޒީރުކަމުން އިސްތިއުފާ ނުދެއްވާނޭ ކަމަށެވެ.
ޑރ. ހުސެއިން ޖޭޕީގެ އިވެންޓްތަކުން މިހާރު ފެންނަމުން ނުދަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރައްވަން ނިންމެވުމާއި ގުޅިގެންކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
2 Responses
ޢާއިޝާ މިނިސްޓަރު ކަމުން ކަނޑާލާފަ ގެއަށް ފޮނުވާލުމަށް ރައީސަށް ގޮވާލަން
މައްސަލަ.އަކީ ހުސޭނު މެން ކަހަލަ މީހުންގެ ގޮތްފޮތް ޕާޓީތަކަށް ދަސްނުވާތީ…..
ޙިތާމާގައިބައިބެރިނުވެ ފިލާތީ…………
ދެފުއްދެގޮތް ކަން ހަމަ ބޮޑީ…….