އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އުފައްދާފައިވާ އިންތިޤާލީ ކޮމެޓީތަކުން ސަރުކާރުގެ އެކި ވުޒާރަތަކާއި، ކުންފުނިތަކަށް މައުލޫމާތު ހޯދުމަށް ވަޑައިގަތުމުން އެއްވެސް އެއްބާރުލުމެއް އެއްވެސް މުވައްސަސާއަކުން ދީފައި ނުވާކަމަށް އެކި އޮފީސްތަކާއި، ކުންފުނިތަކަށް ދިޔަ ޓީމުތަކުން ބުނެފިއެވެ.
ޕީޕީއެމްގެ އިންތިޤާލީ ކޮމެޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި މިނިސްޓްރީތަކަށާއި، ކުންފުނިތަކަށް ވަޑައިގެންނެވި ޓީމުތަކުން ވަނީ ނޫސްވެރިންނަށް މިބައްދަލުވުންތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އިންތިޤާލީ ކޮމެޓީން ދިޔަ ތަންތަން:
1. އިކޮނޮމިކް މިނިސްޓްރީ
2. އިމިގްރޭޝަން
3. އެޗްއާރުސީއެމް
4. ހެލްތު މިނިސްޓްރީ
5. ވެމްކޯ
6. ފެނަކަ
7. އާސަންދަ
8. އެޑިއކޭޝަން މިނިސްޓްރީ
9. އެންޑި ކޮރަޕްޝަން ކޮމިޝަން
މިތަންތަނަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ކަންބޮޑުވުމާއިއެކު އެއްވެސް ވުޒާރާއަކުން މައުލޫމާތު ދޭން ބޭނުން ނުވާކަން ފާހަގަ ކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ވެރިކަމުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތައުފީގް ވިދާޅުވީ ދޮޅު ގަޑިއިރު ވަންދެން މިނިސްޓްރީގައި މަޑުކޮށްގެން މައުލޫމާތު ހޯދުމަށް އެދުނުކަމަށެވެ. ނަމަވެސް މައުލޫމާތު ހިއްސާ ކުރާނެ ބޭފުޅަކު މިނިސްޓްރީން ނުލިބުނުކަމަށެވެ.
އޭސީސީއަށް ވަޑައިގެންނެވިި މޫސާ ފަތުޚީ ވިދާޅުވީ ރާއްޖޭގައި އިންތިހާއަށް ކޮރަޕްޝަންގެ ކަންކަން އޮތްއިރު އެކަންކަން ނުބެލޭތީ ކޮމިޝަންގެ އޮތީ ކޮން ކަންބޮޑުވުމެއްތޯ އަހާފައިވާކަމަށެވެ. އެބޭފުޅުން ވިދާޅުވެފައިވަނީ އެކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ.
އޭސީސީ ފިޔަވައި އެހެން އެއްވެސް އިދާރާއަކުން މައުލޫމާތު މިމިންވަރަށްވެސް ދީފައި ނުވާކަމަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ކޮމެޓީތަކުން ވިދާޅުވީ ބަންދަށްފަހު ސަރުކާރު ހުޅުވުމުން އަނެއްކާވެސް ވުޒާރާތަކަށް ވަޑައިގަންނަވާނެކަމަށެވެ. މައުލޫމާތު ލިބެންދެން މިތަންތަނަށް ދާނެކަމަށް މިބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އިންތިޤާލީ ކޮމެޓީތަކުން ކުރަމުންދާ މަސައްކަތަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާއި ހަވާލުވުމުގެ ކުރިން ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ